ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ، ކުރިއަށް އޮތް ސީޒަންގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ނަމަ، މިހާރުން މިހާރަށް އެއްބަސްވުން އާ ކުރަންޖެހޭ ކަމަށް ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވިދާޅުވެއްޖެއެވެ.
ޕީއެސްޖީގެ ތަރި، އުމުރުން 24 އަހަރުގެ އެމްބާޕޭ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަންގެ ނިޔަލަށެވެ. އެ އެއްބަސްވުން ހަމަވުމާ އެކު މަޑުކުރަން ބޭނުންވާ ނަމަ، އެމްބާޕޭއަށް އެއްބަސްވުން އާ ކުރުމަށް ބާރު ލިބެއެވެ. ނަމަވެސް، އެމްބާޕޭ ބުނީ އަންނަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށާއި އެއްބަސްވުން އިތުރަށް އާ ނުކުރާނެ ކަމަށެވެ.
އެމްބާޕޭ ބުނީ ކްލަބު ދޫކޮށްލަން ވިސްނަނީ މި ސީޒަނަށް ފަހުގައި ކަމަށެވެ. އެހެންކަމަށްވާ ނަމަ، އެމްބާޕޭ އެ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާ އެއްގައެވެ. އެގޮތް ޕީއެސްޖީން ބޭނުންނުވާ އިރު، ކްލަބުގެ ރައީސް ނާސިރު ވިދާޅުވަނީ އެމްބާޕޭ ހިލޭ ދޫކޮށް ނުލާނެ ކަމަށާއި ކުރިއަށް އޮތް ސީޒަންގައި މަޑުކުރެވޭނީ އެއްބަސްވުން އާކޮށްގެން ކަމަށެވެ. އެހެން ނޫންނަމަ މި ހިނގާ ޓްރާންސްފާ ސީޒަންގައި އެމްބާޕޭ ވިއްކާލަންޖެހޭނެ ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.
"އަހަރެމެން މި ބުނާ ވާހަކަ ވަރަށް ސާފުވާނެ. ކިލިއަން މި ކްލަބުގައި މަޑުކުރާ ނަމަ ޖެހޭނީ އެއްބަސްވުން އާކުރަން. އަހަރެމެން ބޭނުން އޭނާ މަޑުކުރުވަންވެސް. އެކަމަކުވެސް އާ އެއްބަސްވުމުގައި ސޮއިކުރަން ޖެހޭނެ. ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ހިލޭ ކްލަބު ދޫކޮށްލާކަން ދުލެއް ނުކުރެވޭނެ. އެއީ ނުވާނެ ކަމެއް،" ޕީއެސްޖީގެ އާ ކޯޗު، ލުއިސް އެންރިކޭ އިއުލާންކުރަން ބޭއްވި އިވެންޓްގައި ނާސިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ ކްލަބަށްވުރެ އެއްވެސް ކުޅުންތެރިންއަކު އަދި އޭނާވެސް ބޮޑު ނުވާނެ ކަމަށެވެ. އަދި ކްލަބަށް ގެއްލުންވާ ގޮތަށް އެމްބާޕޭވެސް ކަންކަން ނުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ނާސިރު ފާހަގަކުރެއްވިއެވެ.
އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން އެންމެފަހުން އާ ކުރީ މިދިޔަ ސީޒަނަށެވެ. އެއީ ރެއާލް މެޑްރިޑަށް ދާން ހުރިހާ ކަމެއް ނިންމާފައިވަނިކޮށް، ފަހު ވަގުތު ސީދާ ކްލަބު ރައީސް ނާސިރުގެ ނުފޫޒުން އެއްބަސްވި އެއްބަސްވުމެކެވެ. އެ އެއްބަސްވުމާ އެކު އެމްބާޕޭއަށް ތަފާތު ފައިދާތައްވާ ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، އެމްބާޕޭ ދިޔުން އެންމެ ގާތީ އަދިވެސް ރެއާލް އަށެވެ. ރެއާލްއިން އަބަދުވެސް އެމްބާޕޭއަށް ޝައުގުވެރިކަން ބަހައްޓަމުންދާ އިރު، މި ފަހަރު އަދި ރަސްމީ ސިފައެއްގައި އެކަމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު