އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ މެމްބަރުން އުނިކޮށްފައިވާ ކަމަށް އެމްއާރުއެމުން ބުނެފިއެވެ.

އީސީން އިއްޔެ އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން މިވަގުތު ނުވަ ސިޔާސީ ޕާޓީއެއް އޮތް އިރު، ސިޔާސީ ޕާޓީތަކުގައި ޖުމުލަ 158،167 މެންބަރުން އެބަ ތިއްބެވެ.

  • އެމްޑީޕީ: 58،035 މެންބަރުން
  • އަދާލަތު ޕާޓީ: 9،595 މެންބަރުން
  • ޖުމްހޫރީ ޕާޓީ: 22،705 މެންބަރުން
  • ޕީޕީއެމް: 38،831 މެންބަރުން
  • އެމްޑީއޭ: 10،227 މެންބަރުން
  • އެމްޓީޑީ: 3،014 މެންބަރުން
  • ޕީއެންސީ: 3،139 މެންބަރުން
  • އެމްއާރްއެމް: 2،892 މެންބަރުން
  • އެމްއެންޕީ: 9،729 މެންބަރުން

އީސީގެ އެ މައުލޫމާތަކީ ސައްހަ މައުލޫމާތު ނޫންކަމަށް ބުނެ އެމްއާރުއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ހުށަހަޅާ ފޯމުތައް ޕްރޮސެސްނުކޮށް ދެ މަހެއްހާ ދުވަސްވާ ކަމަށާއި ނަމަވެސް އީސީން ގެންދަނީ ހަލުވިމިނުގައި އެމްއާރުއެމުން ވަކިވާން ފޯމު ހުށަހަޅާ މެމްބަރުންގެ ފޯމުތައް ޕްރޮސެސްކުރަމުން ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަމަށް ބުނެ 4 ޖުލައި 2023 ގައި އެ ކޮމިޝަނުން މައުލޫމާތު އާންމުކުރި އިރު، މި ޕާޓީގެ މެމްބަރުންގެ އަދަދުން ގިނަ އަދަދެއްގެ މެމްބަރުން އުނިކޮށް ދަފުތަރުގައިވާ އަދަދު ކަމަށް ބުނެ އިއުލާންކޮށްފައިވަނީ މި ޕާޓީގެ މެމްބަރުންގެ ޖުމުލަ އަދަދު އޮޅުވާލައި އަދި މި ޕާޓީއަށް މި އަހަރުގެ މެއި މަހުގައި ހުށަހެޅި 140 ފޯމު ޕްރޮސެސް ކުރުމަކާ ނުލައިކަން ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަންގެ މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ..،" އެމްއާރުއެމުން ބުންޏެވެ.

އެމްއާރުއެމުން ބުނީ އެ ޕާޓީން ވަކިވެފައިވާ ކަމަށް އީސީން ބުނާ މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން ޕާޓީން ވަކިވެފައިނުވާނެކަން އަންގައި އީސީއަށް ސިޓީ ފޮނުވުމުން ވެސް އެ މެމްބަރުން އަލުން އެމްއާރުއެމްގެ މެމްބަރެއްގެ ގޮތުގައި ހިމަނައިފައިނުވާ ކަމަށެވެ. އެހެންކަމުން އީސީން އަމަލުކުރަމުން ދަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރަން ކަމަށް އެމްއާރުއެމުން ބުންޏެވެ.

ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ނުފޫޒެއް ނުވަތަ މަންފާއެއް ލިބޭ ގޮތަށް ކަންތައް ކުރުމަކީ ގަބޫލުކުރާކަމެއް ނޫން ކަމަށާއި އެމްއާރުއެމުން އެފަދަކަމެއް މީގެ ކުރިން ވެސް ކޮށްފައިނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަކަމެއް ނުކުރާނެކަމަށް އެމްއާރުއެމުން ބުންޏެވެ. ސިޔާސީ ޕާޓީތަކަށް އާންމު ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ގޮތަށް އަމަލު ކުރެވެނީ މެމްބަރުން ހޯދުމުގެ ބޭނުމުގައި ފައިސާއާއި ނުފޫޒު ބޭނުންކުރާތީ ކަމަށްވެސް އެމްއާރުއެމުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެމްބަރުން ނެތްކަމަށް ބުނެ އެމްއާރުއެމް އުވާލުމަށް އީސީން ނިންމި ނިންމުމަށް އަމަލުނުކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާ ކަމަށާއި އެ ވަގުތީ އަމުރު މުރާޖައާކުރަން އީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޯޓުން ނިންމާފައިވާ ކަމަށްވެސް އެމްއާރުއެމުން ބުންޏެވެ.

"އެމްއާރުއެމުން ދަފުތަރަށް މެމްބަރުން އިތުރުކުރުމަށް ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސް ނުކޮށް ހިފަހައްޓައި އަމަލުކުރަމުން ދިއުމަކީ ކޯޓުގެ އަމުރާވެސް ހިލާފުވުންކަމަށް ދެކެން،" އެމްއާރުއެމުން ބުންޏެވެ.

އެމްއާރުއެމުން ބުނީ އީސީން އެފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމުން ސާފުވަނީ އެ ކޮމިޝަނަކީ ނާގާބިލު، ސިޔާސީ ޕާޓިތަކާ މެދު ތަފާތުކުރުން ގެންގުޅޭ އަދި މިނިވަންކަމާއެކު އެ ކޮމިޝަނަށް މަސައްކަތް ނުކުރެވޭކަން ކަމަށެވެ.

"އަދި ގާނޫނާއި ގަވާއިދާ ހިލާފަށް މި ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާތީ އިލެކްޝަންސް ކޮމިޝަންގެ އިންސާފުވެރިކަމާއި މިނިވަންކަމާ މެދު ސުވާލު އުފެދޭ،" އެމްއާރުއެމުން ބުންޏެވެ.

އެމްއާރުއެމުން އިތުރަށް ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް އީސީން ކުރަމުންދާ ކަންކަން ހުއްޓާލުމަށް ގޮވާލާ ކަމަށާއި ސިޔާސީ ޕާޓީތަކާ މެދު ތަފާތުނުކުރުމަށް ގޮވާލާ ކަމަށެވެ. އަދި އީސީގެ ކަންކަން އިސްލާހުކުރުމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ވެސް ގޮވާލާ ކަމަށް އެމްއާރުއެމުން ބުންޏެވެ.