ޚަބަރު

ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަސަން ލަތީފު އިންތިހާބުކޮށްފި

މުހައްމަދު އިޝާން

ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް، އެ ޕާޓީގެ މުއައްސިސް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިންތިހާބުކުރައްވައިފިއެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ އުފައްދާ ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

ގިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާފައިވާ ހަސަން ލަތީފެވެ.

ދަ ޑިމޮކްރެޓްސްގެ ވަގުތީ ނައިބު ޗެއާޕާސަންގެ މަގާމަށް ނ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ބަޝީރު އިންތިހާބުވެވަޑައިގެންނެވި އިރު، އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ ނައިބުގެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފެވެ.

އެ ބޭފުޅުން އެ މަގާމުތަކަށް އިންތިހާބު ވެވަޑައިގެންނެވީ 355 މެމްބަރުންގެ ވޯޓުންނެވެ. އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ.

ދަ ޑިމޮކްރެޓްސްގެ ވަގުތީ މަގާމުތަކަށް އެ ބޭފުޅުންގެ ނަންތައް ހުށަހެޅުއްވީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.