ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ މަންޑޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.

"ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މަމްދޫހު މިއަދު ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ރޭގެ ވަގުތެއްގައި މަންޑޭ ހައްޔަރުކުރުމުގެ އަމުރެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހޯދައިފައެވެ. އޭނާ ހައްޔަރުކުރުމުގެ އުމުރެއް ފުލުހުން ހޯދީ ކުރިމިނަލް ކޯޓުން އިއްޔެ އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް އަމުރުކޮށްފައި ވަނިކޮށެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮންނަ އިރު، މަންޑޭގެ އޮންނަނީ ފަސް ޕަސެންޓުގެ ހިއްސާއެވެ.

ހަންބޯއިން އިން ވަނީ ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން މަންޑޭ ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާތީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.