ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގައި ޔާމީންގެ ފަރާތުންނާއި ޔޫސުފް ނައީމްގެ ފަރާތުން ހިމަނާފައިވާ ނުކުތާތަކުގެ ތެރެއިން، ގާނޫނީ އަސާސެއް ނެތް ނުކުތާތައް އެކަހެރިކޮށް އެ ނޫން ނުކުތާތަކަށް ޝަރީއަތުން ރިއާޔަތް ކޮށްދިނުމަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެއެވެ.

އާރަށު މައްސަލައިގައި ކްރިިމިނަލް ކޯޓުން ކުރި ދެ ހުކުމެއް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އެއީ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ޔާމީން 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި އެ މައްސަލާގައި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލައެވެ. ހައިކޯޓުގައި މި ދެ މައްސަލައިގެ އިސްތިއުނާފު ކުރިއަށް ގެންދަނީ އެކުއެކީގައެވެ.

ހައިކޯޓުގައި މިއަދު ކުރިއަށް ދަނީ، އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި ނުކުތާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތް ކަމަށްވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖަވާބު ހުށަހެޅުމެވެ.

އެކަމަށް ދިން ފުރުސަތުގައި އެ ނުކުތާތައް ފާހަގަކުރުމުގެ ކުރިން ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސިކިއުޓާ އީނާ މޫސާ ވިދާޅުވީ، މައްސަލަ އިސްތިއުނާފު ކުރި ފަރާތުން، އިސްތިއުނާފު ފޯމުގައި ހިމަނުއްވާފައިވާ ނުކުތާތަކުގައި ދަށު ކޯޓުގެ ނިންމުން ހިލާފުވި ކަމަށް ބަޔާންކޮށް ގާނޫނީ އަސާސެއް ހިމެނުމެއް ނެތި، ހަމައެކަނި އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތް ބަޔާންކުރައްވާފައިވާ ނުކުތާތައް ހިމެނޭ ކަމަށެވެ.

އެހެންކަމުން އެ ނުކުތާތައް އެކަހެރި ކުރުމަށްފަހުގައި، އެ ނޫން ނުކުތާތަކަށް ޝަރީއަތުން ރިއާޔަތް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މީގެ އިތުރުން އީނާ ވިދާޅުވީ، މިބާވަތުގެ މައްސަލަތައް އިސްތިއުނާފު ކުރުމަށް އިސްތިއުނާފު ކުރާ ފަރާތަށް އާންމު ގޮތެއްގައި 60 ދުވަސް ލިބުނު ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް، ލިބެނީ ނިސްބަތުން މަދު އަދަދެއްގެ ދުވަސްތަކެއް ކަމަށެވެ.

"މި މައްސަލާގައި އެ ލިބުނު ވަގުތުކޮޅުގެ ތެރޭގައި އިސްތިއުނާފު ޖަވާބު ތައްޔާރުކުރުމަށް ދަތިތަކެއް ފާހަގަކުރަން މި ޖެހެނީ ސުޕްރީމް ކޯޓުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވާސަސް ޕްރޮސިކިއުޓާ ޖެނެރަލް ގަޒިއްޔާގައި، އެ ކޯޓުންވެސް އެކަން ފާހަގަކުރައްވާފައިވާތީ، އެއީ އެއް ވާގިއާއަކާ ގުޅޭ އެއް ނުކުތާއަށްވުރެ ގިނަ ނުކުތާ ތަރުތީބެއް ނެތި އިސްތިއުނާފީ ފޯމުގެ އެތައް މިތަނަށް ވިއްސި ވިހާލިވެފައިވާ ކަމަށް ފާހަގަކުރައްވައި އެއީ މައްސަލަ ދިރާސާކުރުމަށް ދިމާވި ދައްޗެއް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންވެސް ފާހަގަކުރައްވާފައިވޭ،" ކަމަށްވެސް ވިދާޅުވިއެވެ.

ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލާގައިވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި އެހެންކަމުން ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކަށް ޖަވާބުގައި ރައްދު ނުދެވިވާ ނަމަ ނުވަތަ ތަފުސީލުކޮށް ޖަވާބު ހުށަހެޅިފައިނުވާ ނަމަ، އެކަމަށް މާފަށް އެދި އެެކަމާ ގުޅޭގޮތުން ޝަރީއަތުގައި ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް ދައުލަތުގެ ފަރާތުން އެދުނެވެ.