ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ވިއްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އަމުރު އެ ކޯޓުން ނެރެފައިވަނީ ރޭގެ ވަގުތެއްގައެވެެ. އެކަން ފުލުހުންވެސް ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މަންޑޭ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާއިރު، އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު "ވަން" އަށް ވިދާޅުވި ގޮތުގައި މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށާއި އެ އަމުރު އިސްތިއުނާފު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓޭނެ ގާނޫނީ އިތުރު ގޮތްތައް ބަލަމުންދާ ކަމަށެވެ.

"ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފަ ވަނީ. އެ ނިންމުން އަޅުގަނޑުމެން އިސްތިއުނާފުކުރާނަން. ޕާސްޕޯޓް ހިފެހެއްޓޭނެ އެހެން ގޮތްތައް ބަލަމުން މިދަނީ،" ޝަފީއު ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ.

ކޭ ޕާކުގެ މައްސަލަ ފުލުހަށް ހުށަހެޅީ އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުންނެވެ.