ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ގުޅުންހުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިއަކު އާރްޑީސީގެ 13 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ބަލަމުންދޭތޯ ސުވާލުކުރުމުން ފުލުހުން ވަނީ އެ ކުންފުންޏާ ގުޅުންހުރި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ފުލުހުން ނުބުނެއެވެ.

"ދިޔަރެސް" ނޫހުގައި މިއައު ޝާއިއުކުރި ހަބަރެއްގައި ބުނެފައިވާ ގޮތުން، ބީއެމްއެލްގައި ހުންނަ އާރްޑީސީގެ އެކައުންޓުން 13 މިލިއަން ރުފިޔާ އެ ކުންފުނީގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އެ މައްސަލަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންވެސް ބަލަމުންދާ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

ނަމަވެސް އެ ތުހުމަތުތައް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވަނީ ދޮގުކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށާއި ބޭންކު މެދުވެރިކޮށް އެފަދަ މުއާމަލާތެއް ކޮށްފައިވާ ނަމަ އެކަން ފެންނަން ހުންނާނެ ކަމަށެވެ.