މިދިޔަ ބުދަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒު، ގައިގައި ސައިކަލް ޖެއްސިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުއްޝުކޫރު (22އ)އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. މިއަދު ފުލުހުން ވަނީ ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުން ޝަމްއާންގެ މައްޗަށް ކުރަނީ އެކްސިޑެންޓުގެ ތުހުމަތެވެ.

ޝަމްއާންގެ ދިފާއީ ވަކީލު ވިދާޅުވީ ހަފީޒަށް އަނިޔާވިކަމަށް ޝަމްއާން އިންކާރު ނުކުރާ ކަމަށާއި ހަފީޒަށް އަނިޔާވީ ކަފި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫން ކަމަށެވެ.

"ތުހުމަތުކުރެވޭ ފަރާތުން ސައިކަލުގައި ދަނިކޮށް، އަނިޔާ ލިބުނު ފަރާތް މަގު ހުރަސްކުރުމުން، ސައިކަލް އަންނަ ތަން ފެނިގެން ޕެނިކްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެވުމުން، ސައިކަލުގައި އަނިޔާ ލިބުނު ފަރާތްގޮސް ލައިގަނެގެން އެކްސިޑެންޓުވީ،" ވަކީލު ވިދާޅުވިއެވެ.

އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ ޝަމްއާން އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާއި އޭނާ ސައިކަލް ދުއްވާފައިވަނީ ބާރު ސްޕީޑުގައި ކަމަށެވެ. އަދި ބާރު ސްޕީޑުގައި ސައިކަލް ދުއްވިކަމަށް ޝަމްއާން އިއުތިރާފުވެފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލައިދިނުމަށް ޝަމްއާންގެ ފަރާތުން އެދިފައިވީ ނަމަވެސް، އިންވެސްޓިގޭޝަން އޮފިސަރު އެދުނީ ޝަމްއާންގެ ބަންދު އިތުރުކޮށް ދިނުމަށެވެ. ޝަމްއާނަކީ ބަންދު ލޮގް އަދި މީގެ ކުރިން އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކުރިމިނަލް ކޯޓުން އަމުރުކުރީ ޝަމްއާން 15 ދުވަހަށް ބަންދު ކުރުމަށެވެ.

ބަންދުކުރަން ކުރި އަމުރުގައި ބުނީ ޝަމްއާން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ. އަދި ދެ ފަރާތުން ދެއްކި ވާހަކައަށް ބަލާއިރު ޝަމްއޫންގެ މައްޗަށް ކުރާ ތުހުމަތު ވުޖޫދުވުމުގެ ފުރުސަތު އޮތުމުންނެވެ.

އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ހަޒީފު މިއަދު ވަނީ އެއާ އެމްބިއުލާސްއެއްގައި އިންޑިއާގެ ކޮޗިންއަށް އިތުރު ފަރުވާއަށް ފުރުވާލައިފައެވެ.