ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ ކުޅުން ރޭ ފަށައިފިއެވެ.
ތުލުސްދޫގައި ހާއްސަ ހުޅުވުމުގެ ރަސްމިއްޔާތަކާ އެކު ރޭ ފެށި މުބާރާތުގައި މި އަހަރު މުޅިން އަލަށް އަންހެން ޑިވިޝަނަށް ހާއްސަ ފެމިނާ ޑިވިޝަން ތައާރަފުކޮށްފައިވާ އިރު، ފިރިހެން ޑިވިޝަންގައި 15 ޓީމު އަދި އަންހެން ޑިވިޝަންގައި ހަތް ޓީމަކުން ވާދަކުރެއެވެ. މުބާރާތް ފުރަތަމަ ފަށަން އޮތީ ހޯމަ ދުވަހުގެ ރޭގައި ނަމަވެސް، ވިއްސާރައިގެ ސަބަބުން މެޗުތައް އަދި ފެށުމުގެ ރަސްމިއްޔާތުވެސް ވަނީ ރެއަށް ފަސްކޮށްފައެވެ.
މުބާރާތުގައި ރޭ ކުޅެފައި ވަނީ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ މެޗަކާއި އަންހެން ޑިވިޝަންގެ ގްރޫޕް އޭގެ ދެ މެޗެވެ. ފިރިހެން ޑިވިޝަންގައި އެންމެފަހުގެ ޗެމްޕިއަން އެޕޮކަލިޕްސް އިން ބެލްކް އީގަލްސް ޖޫނިއާއާ ދެކޮޅަށް ނުކުތް އިރު، އެ މެޗު 4-3 އިން ކާމިޔާބު ކުރީ ބްލެކް އީގަލްސް ޖޫނިއާ އިންނެވެ. މެޗުގައި އެޕޮކަލިޕްސްގެ ތިން ގޯލުވެސް އަބްދުﷲ ޝައްފާން (ޝާކާ) ޖަހައިދިން އިރު، ބްލެކް އީގަލްސް ޖޫނިއާގެ ގޯލުތައް ޖެހީ އިބްރާހީމް ޝައުފް މުހައްމަދާއި އިބްރާހީމް އަލްޒަމް އަދި މުހައްމަދު ފަޒީލެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޝައުފް ވަނީ ދެ ގޯލު ޖަހައިފައެވެ.
އަންހެން ޑިވިޝަންގައިވެސް ރާއްޖޭގެ އަންހެން ފުޓްސަލް އަދި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިން މުބާރާތުން ފެނިގެންދާ އިރު، އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި މަލްޓި އެކްސް ކޭ ލިލީސް އިން ވަނީ 4-2 އިން ހިންމަފުށީ ވުމަންސް ފުޓްސަލް ޓީމް ބަލިކޮށްފައެވެ. މަލްޓި އެކްސް ކޭ ލިލީސްގެ ގޯލުތައް ޖަހައި ދިނީ މަރިޔަމް ނޫރާއާއި ފާތިމަތު އިނާޝާ އާދަމް އަދި މަރިޔަމް ވިޝާޔާ ވިލްދާނެވެ. ނޫރާ މެޗުގައި ދެ ގޯލު ޖަހާފައިވެއެވެ. އަނެއްކޮޅުން ހިންމަފުށީގެ ގޯލުތައް ޖަހައި ދިނީ ފާތިމަތު ޒައިނާއެވެ.
ރޭ ކުޅުނު އަންހެން ޑިވިޝަންގެ ގްރޫޕް އޭގައި ދިއްފުށީ ވުމަންސް ފުޓްސަލް ޓީމުން ވަނީ 3-0 ހުރާ ސްޕޯޓްސް ވުމަން ބަލިކޮށްފައެވެ. އެ މެޗުގައި ދިއްފުށީގެ ގޯލުތައް ޖަހައި ދިނީ ފާތިމަތު ސާލިއާގެ އިތުރުން އައިމިނަތު އަޒްމީލާ އަދި މަރިޔަމް ނިޒުލީއެވެ.
މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން މިޔަޓުން ވަނީ ކާމިޔާބު ތިން މުބާރާތެއް ނިންމާލާފައެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑއަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.
މިއަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.
20:15 ބެލްކް އީގަލްސް - މަލްޓި އެކްސް ކަންމަތި އެންޖީ (ގްރޫޕް އޭ/ ފިރިހެން ޑިވިޝަން)
21:10 އެމްޕަޔާ އެސްސީ - ހުދުރަންފުށި (ގްރޫޕް ބީ/ ފިރިހެން ޑިވިޝަން)
22:05 ގުޅި އެފްސީ - ކުޑަ ވިލިނގިލި (ގްރޫޕް ބީ/ ފިރިހެން ޑިވިޝަން)
23:00 ދިއްފުށި މެންސް އެފްޓީ - އެމްޕަޔާ އަކައި ޗީ (ގްރޫޕް ސީ/ ފިރިހެން ޑިވިޝަން)
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް