ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ޝާޒް ހިމެނޭގޮތަށް އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރި ތިން ކެންޑިޑޭޓުން ވެސް މާލީ ބަޔާން ރަނގަޅަށް ހުށަހަޅައިފައިނުވާތީ އެއިން ކޮންމެ ކެންޑިޑޭޓަކު 6،000 ރުފިޔާއިން ޖޫރިމާނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކެންޑިޑޭޓުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ އެއްގޮތަށް ހުށަހަޅައިފައިވާ ބަޔާންތަކެއް ނޫން ކަމަށެވެ.

ހަބީބު ވިދާޅުވީ ގާނޫނާހިލާފަށް މާލީ ބަޔާންތައް ހުށަހަޅައިފައިވާތީ އެ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުން ކުރެ ކޮންމެ ފަރާތެއް ޖޫރިމާނާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް އަންގައިފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި، ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަކީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީ، އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުން ކުރެ، ކޮންމެ ފަރާތެއް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް، އީސީ އިން ނިންމައި، އެ ފައިސާ މި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ކެންޑިޑޭޓުންނަށް ވަނީ ދަންނަވާފައި،" ހަބީބު ވިދާޅުވިއެވެ.

ގާނޫނު ލާޒިމުކުރާ ކަންކަން މާލީ ބަޔާނުގައި ފުރިހަމަވެފައިނުވާ ނަމަ، ކުރިއަށް ހުރި އިންތިހާބުތަކުގައިވެސް ކެންޑިޑޭޓުންނާ މެދު އެގޮތަށް އަމަލުކުރެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްއެވެ. އެ އިންތިހާބުގައި ޝާޒްއާ ވާދަކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އަރީފެވެ.

ޝާޒް އެ އިންތިހާބު ކާމިޔާބުކުރެއްވީ 1،356 ވޯޓުންނެވެ. އެއީ 50 ޕަސެންޓު ވޯޓެވެ. އިންތިހާބުގައި އެމްޑީޕީއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހުސެއިން ރިޒާ އާދަމަށް 1226 ވޯޓު (45.5 ޕަސެންޓް) ލިބިވަޑައިގެންނެވި އިރު، އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ 4.5 ޕަސެންޓު ވޯޓެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެއި މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.