ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ މައްސަލަ އެކީ ހުށަހަޅަން މަޖިލީހުގެ ގަވާއިދު ޖާގަ ނުދޭނަމަ އެ މައްސަލަ ވަގުތުން ނަންގަވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާއެކުގައެވެ. ނާއިބު ރައީސްގެ މައްސަލަ ހުށަހަޅާފައި ވަނީ، 50 މެންބަރުންގެ ސޮޔާއެކުގައެވެ.

ނަމަވެސް އެ މައްސަލަތައް ކުރިއަށްގެންދަން ޖެހޭނެކަމަށް މަޖިލިސް ގަވާއިދުގައި ބުނާ މުއްދަތު ހަމަވެގެން ދިޔައިރުވެސް އެއިން އެއްވެސް މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންގޮސް މަޖިލިސް ވަނީ ދެވަނަ ދައުރުގެ ޗުއްޓީއަށް ގޮސްފައެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަތައް މަޖިލީހުގައި ކުރިއަށް ނުގެންދިޔައީ، ދެބޭފުޅުންގެ މައްސަލަ އެއްކޮށް ހުށަހެޅުމުން ކަމަށެވެ. ނަމަވެސް މަޖިލިސް ރައީސްގެ މައްސަލަ ހުށަހެޅީ ޖޫން ހަތެއްގައެވެ. ނާއިބު ރައީސްގެ މައްސަލަ ހުށަހެޅީ، 23 މެއިގައެވެ.

މަޖިލިސް ރައީސް ވިދާޅުވެފައިވަނީ އޭގެން މައްސަލައެއް މަޖިލީހުގައި ކުރިއަށް ގެންދެވޭނީ، އޭގެ ތެރެއިން އެއް މައްސަލަ އަނބުރާ ގެންދިއުމުން ކަމަށެވެ.

އެ މައްސަލައިގައި ނަޝީދު މިސާލެއްގެ ގޮތަށް ނަންގަވަނީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހާއި ނާއިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރުނެތްކަމުގެ މައްސަލައެވެ. އެފަހަރު މަސީހުގެ މައްސަލަ އަނބުރާ ގެންދިއުމުން މަޖިލީހުގައި ކުރިއަށްދިޔައީ މޫސަގެ އިތުބާރުނެތްކަމުގެ މައްސަލައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އަސްލަމް ވިދާޅުވީ، "އިތުބާރުނެތްކަމުގެ ދެ މައްސަލަ އޮތުމަކީ މަޖިލިސް ގަވާއިދު ޖާގަ ނުދޭ ކަމެއްނަމަ، ވަގުތުން އެ މައްސަލަ ނަންގަވާނެ ކަމަށާއި ގަވާއިދު ޖާގަ ނުދޭނަމަ އިތުބާރުނެތްކަމުގެ މައްސަލަ ހުށަވެސް ނާޅާނެ ކަމަށެވެ.

އަށާރަވަނަ މަޖިލީހުގައި ކުރިއަށްދިޔަ ރައީސް އާއި ނާއިބު ރައީސްގެ މައްސަލައާބެހޭގޮތުން، އަސްލަމް ވިދާޅުވީ، އެކަމާބެހޭގޮތުން ބައެއް މެންބަރުން ދައްކަވާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއްނޫން ކަމަށެވެ. އޭރު މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔައީ މަޖިލިސް ރައީސްގެ އިތުބާރުނެތްކަމަށް ހުށަހަޅާފައި އޮއްވައި މަސީހު ރިޔާސަތުގައި އިންނަވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެފަހުން ގަވާއިދަށް ގެނެވުނު ބަދަލެއްގެ ތެރެއިން މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އުވިދިޔައީ، އެއީ މަޖިލިސް ރައީސްގެ އިތުބާރުނެތްކަމަށް ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުކަމަށް އޮތުމުގެ ބަދަލުގައި ދެބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު ހުށަހަން ޖެހޭ ގޮތަށް ގަވާއިދަށް ގެނެވުނު ބަދަލެއް،" ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ، ވަކި މެންބަރެއް ނޫން ކަމަށާއި، އެއީ 50 އަށްވުރެ ގިނަ މެންބަރުން އަމިއްލަ އިހުތިޔާރުގައި އިސްނަންގަވައިގެން ސޮއިކޮށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އެހާގިނަ މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ މައްސަލައެއް އަނބުރާ ނެގޭނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީވެސް ރިޔާސަތުން މަޖިލީހުގެ ގަވާއިދު، ނަހަމަ ގޮތުގައި ބޭނުންކުރައްވައި ގަވާއިދުން ބޭރުން ކަންކަން ކުރައްވަމުން ގެންދެވުމުގެ ސަބަބުން އިތުބާރު ގެއްލިގެން ކަމަށާއި، އޭގެ ފަހުންވެސް ރިޔާސަތުން މަޖިލިސް ގަވާއިދާ ހިލާފަށް ކަންތައްތައް ކުރައްވަމުން ގެންދަވާއިރު، މައްސަލަ އަނބުރާ ގެންދަވާނީ ކިހިނެއްތޯވެސް އަސްލަމް ސުވާލު ކުރެއްވިއެވެ.

"މައްސަލަ އަނބުރާ ގެންދިއުމާމެދުވެސް ވިސްނޭނީ، ގަވާއިދާ އެެއްގޮތަށް މަޖިލިސް ކުރިއަށްގެންދާ ނަމަ، ނަމަވެސް މަޖިލީހުގެ ކަންތައްތައް ކުރިއަށް އެ ގެންދަވަނީ ގަވާއިދާ ހިލާފަށް، އަދި މަޖިލީހުގެ އިދާރީ މުވައްޒަފުން ދޭ ލަފަޔާ އެއްގޮތަކަށްވެސް ނޫން، ދެން ކިހިނެއްތޯ މައްސަލަ އަނބުރާ ގެންދާނީ،" އަސްލަމް ވިދާޅުވިއެވެ.