މިދިޔަ ބުދަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުން ހިނގާފަދިޔަ މީހެއް ގައިގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ފަތިހު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ގައުމީ ޔުނިވަސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒަށް ލިބުނު އަނިޔާތަކަށް އޭޑީކޭގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓު ހިނގީ ރެޑްވޭވް ކުރިމަތީ މަޖީދީ މަގުގައި ހުންނަ މަސްޖިދުލް އާދިލުން ފަތިސް ނަމާދުން ފައިބައިގެން ހަފީޒު ހިނގާފައި ދަނިކޮށެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ މީހެކެވެ. އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށްވެސް ބުންޏެވެ. މި އެކްސިޑެންޓާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަފީޒުގެ އާއިލާއިން ކުރިން ބުނިގޮތުގައި އެކްސިިޑެންޓުގައި އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އަދި އޭނާ\ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތްވެސް އާއިލާއިން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ހަފީޒުގެ ހާލު ސީރިއަސް ކަމުން ކޮމާޝަލް ފްލައިޓެއްގައި ބޭރަށް ނުގެންދެވޭނެތީ އެއާ އެމްބިއުލާންސެއްގައި އޭނާ ބޭރަށް ގެންދިއުމަށް ސޯޝަލް މީޑީއާގައި ފަންޑްރެއިޒްކުރަންވެސް ވަނީ ފަށާފަ އެވެ.

https://twitter.com/thoyyu/status/1675707087530393600