ޚަބަރު

"އުފާވެރި އަމާން ރާއްޖެ": ރައީސް ސޯލިހުގެ ކެމްޕެއިން ޝިއާރު!

މުހައްމަދު ސިމާއު

ގުޅިފަޅު ބިންހިއްކުމުގެ ބިޔަ މަޝްރޫއު ފެށުމަށް އިއްޔެ ގުޅިފަޅުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގެ ތެރެއިން އެއް ކަމެއް ފާހަގަވިއެވެ. ވާހަކަފުޅު ނިންމަވާޢީލައްވަމުން އެ މަނިކުފާނު ވިދާޅުވި ވާހަކަކޮޅެކެވެ.

"މިހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި (އުފާވެރި އަމާން ރާއްޖެ) ދިވެހިންނަށް ހޯދައިދިނުން،"

ރައީސްގެ މި ވާހަކަފުޅު ރައީސް އޮފީހުގެ ވެބްސައިޓަށް ލާފައި އޮތްއިރު އިތުރު ކަމެއް ފާހަގަވިއެވެ. ވާހަކަފުޅުގެ ތެރެއިން "އުފާވެރި އަމާން ރާއްޖެ" މި ބައި އޮތީ ކޯޓު ކުރައްވައިފައެވެ. އެއީ ތަފާތު ކަމެކެވެ.

ރޭގެ އެ ވާހަކަފުޅަށްފަހު ކުއްލި ގޮތަކަށް އެމްޑީޕީގެ ލޯގޯއާއި ބެނާތައްވެސް ބަދަލުވެއްޖެއެވެ. އެމްޑީޕީގެ ތިލަފަތް ރަމްޒުކޮށް ދޭ ލޯގޯ ވަށައިގެން ލާފައިވަނީ ރާއްޖޭގެ އަތޮޅުތަކެވެ. ބެނާގައި ޖަހާފައި އޮންނަނީ ރައީސް އިއްޔެ ދެއްކެވި ވާހަކަފުޅުން ރައީސް އޮފީހުން ކޯޓު ކުރެއްވި "އުފާވެރި އަމާން ރާއްޖެ" އެވެ.

މި ލޯގޯ އެމްޑީޕީގެ ސަޕޯޓަރުންވެސް މިހާރު ގެންދަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ހިމެނިވަޑައިގަންނަވައެވެ. ފައްޔާޒު ވަނީ އެއީ ރައީސް ސޯލިހުގެ ކެމްޕެއިން ސްލޯގަންކަން "ވަން" އަށް ކަށަވަރުވެސް ކޮށްދެއްވައިފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވި ބޭފުޅަކީ ރައީސް ސޯލިހެވެ. އެ މަނިކުފާނަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރި ނަމަވެސް ކެމްޕެއިން ރަސްމީކޮށް އަދި ފައްޓަވާފައެއް ނުވެއެވެ. އަދި ޝިއާރުވެސް ރަސްމީކޮށް އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ.