ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް އޮަގަސްޓް މަހު ގޯތި ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ. އަދި ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބޭނުންވާ ބިން ހޯދުމަށް ހިންގާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ މާލޭ ސަރަހައްދުން ބަންޑާރި ގޯތި ދޫކުރުމަށް ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށާއި ސަރުކާރުގެ އަމާޒަކީ ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޫކުރުން ކަމަށެވެ. ގުޅިފަޅު ބިމަށް މި ސަރުކާރުން މިހާރު 42 ހެކްޓަރުގެ ބިމާއެކު 68 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި މިއަދު ފަށާ ގުޅިފަޅު ހިއްކުމުގެ މަޝްރޫއާއެކު 150 ހެކްޓަރުގެ ބިން ގުޅިފަޅަށް އިތުރުވެ، އެ ބިމުން މާލެ ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް އިރާދަކުރެއްވިއްޔާ މި އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ލަސްވެގެން ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވިއެވެ.
ގިރާވަޅު ފަޅުންވެސް 20 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި އެ ފަޅުންވެސް 2،000 ގޯތި ދޫކުރާނެ ކަމަށެވެ. އަދި ހުޅުމާލެއިން 2،200 ގޯތި ދޫކުރާނެ ކަަމަށާއި އެހެންކަމުން ބިންވެރިޔާ ސްކީމުގެ މި ބުރުގައި 6،200 ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލޭ ރައްޔިތުން ދިރިއުޅެމުންދަނީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި އިންސާނީ އެތަކެއް ހައްގުތަކުން މާލޭ ރައްޔިތުން މަހުރޫމްވެފައިވާ ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެ ކަންކަމަށް 40 އަހަރު ފަހުން މިވަނީ ހައްލު ލިބެން ފަށާފައި ކަމަށާއި ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ލިބެންދެން ބިންވެރިޔާ ސްކީމު ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން 23،088 މީހުން ގޯއްޗަށް އެދުނު އިރު، އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 19،850 މީހުންނެވެ. ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް ސޯލިހު ވަނީ ނިންމަވައިފައެވެ.
މިދިޔަ މަހުގެ 26 ވަަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ފުރަތަމަ ބުރުގައި ދޫކުރާ 5،000 ގޯތި ލިބެނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 10،314 މީހުންނަށް ކަމަށާއި ދެވަނަ ބުރުގައި ދޫކުރާ ގޯއްޗަށް 9،544 ފަރާތެެއް ޝަރުތު ހަމަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު