އިދިކޮޅު ދެ ޕާޓީ، ޕީޕީއެމާއި ދަ ޑިމޮކްރެޓްސްގެ ތިންވަނަ މަޝްވަރާ ބައްދަލުވުން މިއަދު ބާއްވަން ނިންމައިފިއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ އަދި އެ ޕާޓީގެ މުއައްސިސް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއާއި ޑިމޮކްރެޓްސްގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރު އެކެއް ޖަހާއިރު އޯޝަން ލައިބްރަރީގައި ކަމަށެވެ.

ޕީޕީއެމާއި ޑިމޮކްރެޓްސް އިން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

ޑިމޮކްރެޓްސް އާއެކު މަޝްވަރާތައް ބާއްވަނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ޝިޔާމް ވިދާޅުވި ނަމަވެސް އެ ބައްދަލުވުންތައް ބާއްވަން ޖެހޭނީ ޕީީޕީއެމްގެ ސެނެޓުގެ ލަފައެއް އޮވެގެން ކަމަށް ބުނެ ޕީޕީއެމް ތެރޭގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

އެ ހިޔާލުތަފާތުވުން އޮއްވައި، ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން، ނެރެމުން އަންނަ އޯޝަން ވީކްލީ މަޖައްލާގައި މިދިޔަ ހުކުރު ދުވަހު ޝާއިއު ކުރި ލިޔުމެއްގައި ރިޔާސީ އިންތިހާބުގައި ރައީސްނަޝީދާއި ރައީސް އަބްދުﷲ ޔާމީން ނޫން ކެންޑިޑޭޓަކު ވާދަކުރުމަށް ބާރުއެޅުމުން ޕީޕީއެމުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.