އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން މިޑްފީލްޑް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަންގޭރީގެ ޒުވާން ތަރި ޑޮމިނިކް ސޮބޮސްލާއި ގެންދަން އެއްބަސްވުމަކަށް އައިސްފިއެވެ.
ސޮބޮސްލާއި، 22، ގެންދަން ލިވަޕޫލުން އާރްބީ ލެއިޕްޒިގާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ އޭނާގެ ރިލީސް ފީ ކަމަށްވާ 60.1 މިލިއަން ޕައުންޑަށެވެ. އެޓޭކިން މިޑްފީލްޑަރު ސޮބޮސްލާއި ހޯދަން ނިއުކާސަލްއިންވެސް މަސައްކަތް ކޮށްފައިވާ އިރު، އޭނާގެ ރިލީސް ފީ ދައްކާފައި ގެންދެވެން އޮތީ އިއްޔެގެ ނިޔަލަށެވެ. އެއީ ލެއިޕްޒިގާއެކު ސޮބޮސްލާއި ހަދާފައިވާ އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއެއްގެ ސަބަބުންނެވެ.
ސޮބޮސްލާއިގެ ޓްރާންސްފާ ލިވަޕޫލުން އިއްޔެ ނިންމީ ޖަރުމަނުގައި ލެއިޕްޒިގުގެ އިސް ފަރާތްތަކުގައި ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.
ސޮބޮސްލާއިއަކީ މިދިޔަ ސީޒަނުގައި ލެއިޕްޒިގަށް ޖަރުމަނު ކަޕް ކާމިޔާބު ކޮށްދިނުމުގެ އިތުރުން، ލީގުގެ ތިންވަނައިގައި އެޓީމުން ނިންމާލުމަށްވެސް މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. ސީޒަނުގައި ޖުމުލަ 31 މެޗު ސޮބޮސްލާއި ކުޅެފައިވާ އިރު، އޭނާ ވަނީ ހަ ގޯލު ޖަހައި އަށް އެސިސްޓް ފުރިހަމަ ކޮށްފައެވެ.
އެ ގޯލުތަކުގެ ތެރޭގައި ޖަރުމަނު ކަޕްގެ ފައިނަލުގައި އެއިންޓްރެޗް ފްރެންކްފާޓް ކޮޅަށް ޖެހި ގޯލުވެސް ހިމެނެއެވެ. ޖަރުމަނުގެ ލެއިޕްޒިގާ ސޮބޮސްލާއި ގުޅުނީ 2021 ވަނަ އަހަރު ޖެނުއަރީ މަހުގައެވެ. އޭގެ ފަހުން އެ ކްލަބަށް ކުޅުނު 91 މެޗުގައި އޭނާ ވަނީ 20 ގޯލު ޖަހައި، 21 އެސިސްޓް ފުރިހަމަ ކޮށްފައެވެ.
މިދިޔަ ސީޒަނަށްފަހު އެލެކްސް އޮކްސްލޭޑް ޗެމްބަލިންނާއި ޖޭމްސް މިލްނާގެ އިތުރުން ނަބީ ކެއިޓާ ލިވަޕޫލް ދޫކޮށްލާފައިވާ އިރު، އެތަން ފޫބައްދަން އެ ކްލަބުން މިހާތަނަށް މި ކުރީ ދެވަނަ ޓްރާންސްފާއެވެ. މީގެ ކުރިން ލިވަޕޫލުން ވަނީ އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ އެ ކްލަބަށް ގެންގޮސްފައެވެ.
ޗެލްސީން ސްކޮޑަށް ގެންނަމުންދާ ބަދަލުތަކާއެކު އިއްޔެ ވަނީ ކްލަބަށް ގުޅުނު އާ ފޯވަޑް ސެނެގާލްގެ ނިކޮލަސް ޖެކްސަން އިއުލާނު ކޮށްފައެވެ. އުމުރުން 22 އަހަރުގެ ޖެކްސަން، ވިލަރެއާލް ދޫކޮށް ޗެލްސީއަށް ބަދަލުވީ އަށް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން ޖެކްސަންއަށް ދެއްކި އަގަކީ 32 މިލިއަން ޕައުންޑެވެ. ޖެކްސަންއަކީ މި ޓްރާންސްފާ ސީޒަނުގައި ޗެލްސީން އިއުލާނުކުރި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކްލަބުން ވަނީ ކްރިސްޓޮފާ އެންކުންކޫ ރަސްމީކޮށް އިއުލާނު ކޮށްފައެވެ.
ޗެލްސީން އާ ސީޒަނަށް މައުރީޝިއޯ ޕޮޗެޓީނޯއާއެކު ތައްޔާރުވަމުންދާ އިރު، އެ ކްލަބުން ވަނީ ގިނަ ކުޅުންތެރިންތަކެއް ވިއްކާވެސް ލައިފައެވެ. އެޑުއާޑް މެންޑީއާއި ކަލިދޫ ކުލިބާލީގެ އިތުރުން ހަކީމް ޒިޔެޗް ސައުދީ ލީގަށް ދާން ނިންމާފައިވާ އިރު، މޭސަން މައުންޓް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރަން ތައްޔާރުވެފައެވެ. އަދި އިއްޔެ ޗެލްސީން ވަނީ ރޫބެން ލޮފްޓަސްޗީކް އޭސީ މިލާނަށް ދިޔަ ކަމަށް އިއުލާނު ކޮށްފައެވެ.
އޭގެ އިތުރުން ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ދާން ނިންމާފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު