އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ކުވެއިތު ގައުމީ ޓީމަށް އިރުޝާދު ދެމުންދަނީ ކުޅުންތެރިއެއްގެ ގޮތުގައި ބެންފީކާ އާއި ސްޕޯޓިންއާއެކު ޕޯޗުގަލް ލީގުން 1991 އިން 2004 އަށް ފެނުނު ރުއި ބެންޓޯއެވެ. އުމުރުން 51 އަހަރުގެ ބެންޓޯ ކުވެއިތު ގައުމީ ޓީމާ ހަވާލުވީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ސީނިއާ ޓީމުގެ އިތުރުން ކުވެއިތުގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް އިރުޝާދު ދެނީ ބެންޓޯއެވެ. އެހެންކަމުން ބެންޓޯ ކުރަމުންދާ މަސައްކަތަކީ ހަމައެކަނި ސީނިއާ ޓީމުގެ ވައްޓަފާޅި އާއި ކުޅުން ބަދަލުކުރުމެއް ނޫނެވެ. ކުވައިތުގެ ފުޓުބޯޅައިގެ އިސް މޭސްތެރިއަކީވެސް ޕޯޗުގަލް ގައުމީ ޓީމަށް ހަ މެޗު ކުޅެފައިވާ ބެންޓޯއެވެ. 2004 ވަނަ އަހަރު ކުޅުން ހުއްޓާލި ބެންޓީ ކޯޗިން ކެރިއަރުގައި ކުވައިތާ ހަވާލުވީ އޭގެ ކުރިން ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުތަކަށް އިރުޝާދު ދީފައެވެ. އެހެންކަމުން އޭނާއަކީ ޔޫރަޕްގެ ފުޓުބޯޅައިގެ ތެރެއިން، ޔޫރަޕްގެ ފުޓުބޯޅަ ސިސްޓަމުގެ ތެރެއިން އައިސްހުރި ކޯޗެކެވެ.
ބެންޓޯއަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް އެންމެ ތަޖުރިބާ ބޮޑު އެއް ކޯޗެވެ. ޔޫރަޕްގެ ތަޖުރިބާއަކީ ހާއްސަ ތަޖުރިބާއަކަށްވާ އިރު، ސާފް ޗެމްޕިއަންޝިޕްގެ އެކި ގައުމުތަކުގެ ކޯޗުންނަށް ބަލައިލުމުންވެސް އެކަން ސާފުވެއެވެ. ޕާކިސްތާނާއި ބޫޓާން ފިޔަވައި ދެން ހުރިހާ ގައުމެއްގެ ވެސް ކޯޗުން ނިސްބަތް ވަނީ ޔޫރަޕްގެ ގައުމުތަކަށެވެ. އެ ކޯޗުންނަށް އޭޝިއާގެ އެ ތަޖުރިބާތަކަކީ އާ ތަޖުރިބާތަކެކެވެ. ކޮންމެ ކޯޗެއްވެސް ކޯޗުކަން ކޮށްދެމުން އަންނަނީ ތަފާތު ފެންވަރުގެ، ތަފާތު ފަންތީގެ އޭޝިއާ ޓީމުތަކަށެވެ. އެކިއެކި ގައުމުތަކުގެ ފުޓުބޯޅަ ހާލަތުވެސް ތަފާތެވެ. ކޮންމެ ކޯޗަކަށްވެސް އޭޝިއާގެ ފުޓުބޯޅައިން، ދެކުނު އޭޝިއާގެ ފުޓުބޯޅައިން މަދުވާ ކަންކަން ފާހަގަވެއެވެ. ނޭޕާލް ކޯޗު އަލްބާޓޯ ވިންސެންޒޯ ފާހަގަކުރި ކަންކަންވެސް ފާހަގަވިއެވެ. ނޭޕާލްގެ ލީގަށް ފައިސާ ބޭނުންވާ ވާހަކަތަކެވެ. ކުޅުންތެރިން ގައުމުގައި މަޑުކުރުވަން ފުޓުބޯޅައަށް ފައިސާ ބޭނުންވާ ވާހަކައެވެ. ރާއްޖޭގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ މާ ބޮޑަށް ކަންކަން ނުކިޔައިދޭ ނަމަވެސް، އޭނާވެސް ރާއްޖޭގެ ލީގު ހާލަތު ބަޔާން ކުރިއެވެ.
އެ ހުރިހާ ވާހަކަތަކެއްގެ ތެރެއިން ޕޯޗުގަލްގެ ބެންޓޯއާ އޭޝިއާގެ ފުޓުބޯޅަ، ނޫނީ ސަރަހައްދީ ފުޓުބޯޅައިގެ ފެންވަރާ ގުޅޭ ގޮތުން ސުވާލުކުރުމުން އިއްޔެ ދިނީ ދިގު، ނަމަވެސް ފުރިހަމަ ޖަވާބެކެވެ. ރާއްޖޭގެ ނޫސްވެރިޔަކު ބެންޓޯއާ ސުވާލުކުރީ މި ސަރަހައްދުގެ ފުޓުބޯޅައިގެ ލެވެލްއަކީ ކޮބައިތޯއެވެ. ބެންޓޯ އެ ނޫސްވެރިޔާއާ އަލުން އަނބުރާ ސުވާލުކުރީ އޭނާގެ ނަޒަރުގައި ތަފާތަކީ ކޮބާތޯއެވެ. ބެންޓޯގެ "އޮޕީނިއަން" އަށް އެހުމާއެކު އޭނާގެ ޖަވާބުގައި ދިނީ ސީދާ ތެދުތެދަށް ދިން ޖަވާބެކެވެ.
"އަހަރެން ރިޔަލިޓީއަށް ވާހަކަ ދައްކާނީ. އަހަންނަށް ފާހަގަކުރެވޭ ގޮތުގައި ވަރަށް ބޮޑު ތަފާތެއް އެބަފެނޭ، ޔޫރަޕްގެ ފުޓުބޯޅަ އާއި އޭޝިއާގެ އެހެން ސަރަހައްދުތަކުގެ ފުޓުބޯޅައާވެސް. އެއީ ކީއްވެތޯ އަހަން ޖެހޭ.. އެއީ އާންމުކޮށް އަހަރެމެން ބަލަނީ ފުރަތަމަ ޓީމަކަށް އެކަނި. ފަސްޓް ޓީމަށް އެކަނި. އެކަމަކު އެއަށް އެކަނި ބަލައިގެން އެއީ ގައުމީ ޓީމު ނަތީޖާ ރަނގަޅު ކުރުމަށް އޮތް މަގެއް ނޫން. ޒުވާން ޔޫތު ޓީމުތައް ރަނގަޅަށް ބައްޓަން ކުރަން ޖެހޭ. އަހަރެން ސައުދީގައިވެސް މަސައްކަތްތަކެއް ކުރިން. އެ ހުރިހާ ކަމެއްގެ ތަޖުރިބާއާއެކު އަހަންނަށް އެނގޭ މި ގައުމުތަކުގައި ކުރާ މަސައްކަތް. އެ މަސައްކަތްތައްވެސް ތަފާތު،" ބެންޓޯ ބުންޏެވެ.
ވަރަށްވެސް ޔޫރަޕް ޖަވާބެކެވެ. ޔޫރަޕްގެ ފުޓުބޯޅަ ނިޒާމާއި ދުނިޔޭގެ އެހެން ތަންތަނުގެ ފުޓުބޯޅަ ނިޒާމާ ހުރި އެންމެ ބޮޑު ތަފާތަކީ ފުޓުބޯޅަ ސްޓްރަކްޗާއެވެ. ސްކައުޓިންނާއި ޓެލެންޓް ހަންޓް ކުރުމުގެ ތަފާތެވެ. އަދި ހަމައެއާއެކު ހަރުދަނާ ލީގު ސްޓްރަކްޗާއެއްގެ ތަފާތެވެ. ވިއްކޭނެ ވިޔަފާރި ބްރޭންޑްތަކަށް ލީގުތައް ބަދަލުވެފައިވާ ވުމެވެ. ހާއްސަކޮށް ޒުވާން ޓީމުތައް ކުރިއަރުވަން ކުރާ މަސައްކަތެވެ. އެއީ ރާއްޖެ އާއި ސަރަހައްދީ ހުރިހާ ގައުމަކުންވެސް މިސްރާބު ހިފަންވީ ދިމާލެވެ.
"ކުވައިތު ކުޅުންތެރިންގެ ހުނަރު އެބަހުރި. ސައުދީގައިވެސް ތިބީ ޓެލެންޓެޑް ކުޅުންތެރިން. އެ ކުޅުންތެރިންނަށް ބޭނުންވަނީ ސަޕޯޓް. އެ ކުޅުންތެރިންނަށް ބޭނުންވަނީ އެހީތެރި ކަމެއް. ކުޅުންތެރިން ކުރިއަރުވަން ބޭނުންވަނީ އެހީތެރިކަމެއް. މައާފުވެސް ކުރުން އެދެން. އަހަރެންގެ ވިސްނުމަކީ އެއީ،" ސައުދީގެ ފުޓުބޯޅަވެސް ގާތުން ބެލި ކަމަށް ބުނެ، ބެންޓޯ އިއްޔެ ބުންޏެވެ.
ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ކުވެއިތަކީ އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން ކުވެއިތުން ވޯލްޑް ކަޕް 1982 ގައި ވާދަކޮށްފައިވާ އިރު، ދެ ފަހަރު އޭޝިއަން ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. އޭގެ ތެރެއިން އެއް ފައިނަލުން މޮޅުވެ، ކުވެއިތުން އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވެއެވެ. އޭޝިއާގެ ފުޓުބޯޅައިގައި ކުވެއިތު އެންމެ ބޮޑަށް ފާހަަގަކޮށްލެވުނީ 1970 އަދި 2000 ގެ އަހަރުތަކުގައެވެ. ނަމަވެސް 2010 ގެ އަހަރުތަކުގައި ކުވެއިތުގެ ފުޓުބޯޅައިގެ ފެންވަރު ދަށްވެ، ޖެހިޖެހިގެން ދެ އޭޝިއަން ކަޕަށް ކޮލިފައިނުވެ ނިންމާލަން ޖެހުނެވެ. އޭޝިއަން ކަޕް 2011 އަދި 2015 އަށް ކުވެއިތު ކޮލިފައިވެފައި ނުވާ އިރު، 2019 ވަނަ އަހަރު ޑިސްކޮލިފައިވިއެވެ. އަދި އޭގެ ފަހުން މިއަހަރުގެ އޭޝިއަން ކަޕަށް ވެސް ކުވެއިތު ކޮލިފައިވެފައެއް ނުވެއެވެ.
ތާރީހެއް އޮތް ގައުމެއް ނަމަވެސް، ބެންޓޯ ކުވައިތާ ހަވާލުވި އިރު، އެގައުމުގެ ފުޓުބޯޅަ ހާލަތު އެންމެ ރަނގަޅެއް ނޫނެވެ. ގަލްފް ކަޕަށް ދާދިފަހުން ކުވައިތު ގޮވައިގެން އިރާގަށް ގޮސް، ބެންޓޯގެ ނަތީޖާ އެންމެ ގޯހެއް ނޫނެވެ. ގްރޫޕް ސްޓޭޖުގައި ރަނގަޅު ކުޅުމެއް ކުވައިތުން ދެއްކިއެވެ. ގަތަރު އަތުން ބަލިވި ނަމަވެސް، ޔޫއޭއީވެސް އެޓީމުން ބަލިކުރިއެވެ. ގްރޫޕް ސްޓޭޖުން ކެޓީ ތިންވަނައިގައި ނިންމާލައިގެންނެވެ. އޭގެ ފަހުން ފުޓުބޯޅައިގެ އާ ހަރުފަތަކަށް ކުވައިތުން މަސައްކަތް ކުރަމުންދާ އިރު، ބެންޓޯގެ ނަޒަރުގައި ކުޅުންތެރިންނާ ބަހައްޓާ ގުޅުމަކީ އޭނާގެ އެންމެ ބޮޑު ކާމިޔާބީއެވެ.
"ކުޅުންތެރިންނަށް ޕޮސިޓިވް ވިސްނުމެއް ގެނެސްދިނުމުގެ މުހިއްމު ކަން. ކުޅުންތެރިންނާ ގުޅުން ރަނގަޅުކޮށް، ޕްރެޝަރެއް ނެތި މެޗު އުފާވެރިކޮށް ނެގުމަށް ވިސްނައިދިނުމަކީ މުހިއްމު ކަމެއްކަން. އަހަރެން އަބަދުވެސް ކުޅުންތެރިންނާ ވަރަށް ގިނަ ވާހަކަ ދައްކަން. އަބަދު ފުޓުބޯޅަ ވާހަކައެއް ނޫން ދައްކާނީވެސް. ހުރިހާ ވާހަކައެއްވެސް ދައްކާ، ކުޅުންތެރިންނަށް ޕްރެޝަރު ކުޑަކޮށްދޭން ޖެހޭނެ. ދަނޑު މައްޗަށް އަރާނީ އަހަރެންގެ ފިލޯސަފީ ރަނގަޅަށް ދެއްކުމަށް، އެހެން ނަމަވެސް އެކަންވާނީ އަހަންނަށް ކުޅުންތެރިން އިތުބާރުކޮށް، ކުޅުންތެރިންނަށް ފުޓުބޯޅަ އުފާވެރިވެގެން. އަހަރެން ބޭނުންވަނީ އަބަދުވެސް މި ޕްރޮސެސްއަށް އިތުބާރު ކުރަން،" ބެންޓޯ ބުންޏެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން މިފަހަރު ރާއްޖެ ވަނީ ކަޓައިފިއެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ. ރާއްޖެއަށް މިފަހަރު ބަލިކުރެވުނީ ބޫޓާން އެކަންޏެވެ. ހިތްދަތި، ހިތްމަރުވާ ކަހަލަ ނަތީޖާއެކެވެ. ފުޓުބޯޅައިގެ ހާލަތުން ކަންބޮޑުވާން ޖެހޭ ނަތީޖާއެކެވެ. މޮޅުހަގީގަތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ފުޓުބޯޅައިގެ އޮނިގަނޑުގެ ބަލިކަށިކަން ފެނިގެން ދިޔަ ނަތީޖާތަކެއްވެސް ފެނުނެވެ. މިދިޔަ 20 އަހަރު ތެރޭގައި އަލަށް ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުންވެސް ބަލިވެއްޖެއެވެ. ބެންޓޯ ބުނި ވާހަކައަށް ދެން ވިސްނާލާށެވެ.
މިދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ރާއްޖޭގައި އުފެދުނު ޒުވާން ކުޅުންތެރިންތަކެއް ފެނުނީ އަމިއްލަ އެކަޑެމީތަކުންނެވެ. އެއީ ހަމައެކަނި އެކަޑެމީތަކުން ނެރޭ ޓީމުތަކުގައެވެ. އެވެސް މާލޭ ސަރަހައްދުން އެކަނި ކުރެވުނު މަސައްކަތެކެވެ. ރަށްރަށުގައި ހުނަރު އުފައްދަނީ އަމިއްލަ ފަރާތްތަކުގެ ބުރަ މަސައްކަތަކުން ހިންގާ އެކަޑެމީތަކުންނެވެ. އެ ކުދިން ގައުމީ ފެންވަރުގައި ދައްކާލުމަށް އެ އެކަޑެމީތަކަށް ޖެހެނީ ބޮޑެތި ހަރަދުކޮށްފައި މާލެއަށް ކުއްޖާ ގެނެސް މުބާރާތެއްގައި ކުޅުވާށެވެ. އެހެންކަމުން އެއީ ދެކޮޅު ޖެހޭ ސިސްޓަމެއް ނޫނެވެ. ބޮޑެތި ޕްރޮޖެކްޓްތައް އެފްއޭއެމްއިން އިއުލާނުކޮށް، ރޮބާޓޯ ސަލްގާޑޯ ފަދަ ފަރާތްތަކާ ހަވާލުކުރި ނަމަވެސް، އެ ޕްރޮޖެކްޓް ދަށުން ފެށި އެކަޑެމީތައްވެސް ހުއްޓި، މަޑުޖެހިއްޖެއެވެ.
އެފަހަރު ރަށްރަށުން ޓެލެންޓް ހަންޓްކޮށް، ފުޓުބޯޅަ ސްކޫލަކަށް ގެންދަން ނިންމާފައި އޮތް ނަމަވެސް، ފުޓުބޯޅަ ސްކޫލް ހުރީ ވީރާނާވާން ދޫކޮށްލެވިފައެވެ. ތައުލީމާއެކު ފުޓުބޯޅަ ޖީލެއް ބިނާކުރަން ކުރެވުނު އެއްވެސް މަސައްކަތެއް ހަގީގަތުގައި ފެންނާކަށް ނެތެވެ. އެފްއޭއެމްގައި އެކަން ކުރުމަށް ކުރެވުނު ހަރަދުވެސް ފެންނާކަށް ނެތެވެ. ގައުމީ ޓީމު ފެއިލްވުމުން އެވާހަކަ ދައްކާ އިރު، ބެންޓޯ އެ ބުނި ވާހަކައަށް ވިސްނާލުން މުހިއްމެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ރަނގަޅަށް ކުރިއެރިން ދެއްކި ބޫޓާން، އެ ކުރިއެރުން ހޯދީ ހަމަ ގްރާސް ރޫޓް ރަނގަޅު ކޮށްގެންނެވެ. ފުޓުބޯޅަ ސްކޫލެއްގެ ބޭނުން ހިފައިގެންނެވެ. ޖީލެއް ބިނާކޮށް، އެކުގައި ގެންގުޅެގެންނެވެ. ސީނިއާ ޓީމެއްގެ ފަހަތުން ކަންކަން ރަނގަޅު ނުކޮށް، ހަގީގަތުގައިވެސް ނަތީޖާ ނުހޯދޭނެއެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް