އަޟްހާ އީދުގެ ކުރިން ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ، ކަރާޗީގެ އޭޓީއެމްތަކުން ފައިސާ ހުސްވެ ފައިސާގެ ދަތިކަމެއް ކުރިމަތިވެއްޖެއެވެ.

މުސްލިމު ގައުމުތަކުގައި އިއްޔެ އީދު ފާހަގަކުރި އިރު، ކަރާޗީގެ ރައްޔިތުން ބުނާ ގޮތުން އޭގެ އެއް ދުވަސް ކުރިން ފެށިގެންވެސް އޭޓީއެމްތަކުން ހުރީ ފައިސާ ހުސްވެފައެވެ.

"އީދުގެ ކުރިންވެސް އޭޓީއެމްތަކުން ހުރީ ފައިސާ ހުސްވެފައި. އިއްޔެ ހެނދުން ފެށިގެން އެޓީއެމްތަކަށް އެތައް ފަހަރަކު ދިޔައިން. އެއްވެސް އޭޓީއެމަކުން ފައިސާއެއް ނުނެގުނު،" ކަންބޮޑުވެފައި ހުރި މީހަކު ޖިއޯ ނޫހަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ކަރާޗީގެ އޭޓީއެމްތަކުން ފައިސާ ހުސްވީ އުޟްހިޔާ ކަތިލުމަށް ބައެއް މީހުން ގިނަ އަދަދަކަށް އޭޓީއެމްތަކުން ފައިސާ ނެގުމުންނެވެ.

އީދާ ގުޅިގެން ޕާކިސްތާނުގައި ހަފުތާއަކު ފަސް ދުވަހު މަސައްކަތް ކުރާ އޮފީސްތަކަށް ތިން ދުވަހުގެ ބަންދެއް ދީފައިވާއިރު، ހަފުތާއަކު ހަ ދުވަހު މަސައްކަތް ކުރާ އޮފީސްތަކަށް ބަންދުގެ ގޮތުގައި ހަތަރު ދުވަސް ދީފައިވެއެވެ.