ކުޅިވަރު ރިޕޯޓް

ދިވެހި ފުޓުބޯޅައަށް ބަނަ ދުވަހެއް، މާ ކުރީން ވެސް ފެއިލްވެފައި!

1

އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން މިއަދު ރާއްޖެ ކަޓައިފިއެވެ. އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެގެންނެވެ. ރާއްޖެއަށް މިފަހަރު ބަލިކުރެވުނީ ބޫޓާން އެކަންޏެވެ. ހިތްދަތި، ހިތްމަރުވާ ކަހަލަ ނަތީޖާއެކެވެ. ފުޓުބޯޅައިގެ ހާލަތުން ކަންބޮޑުވާން ޖެހޭ ނަތީޖާއެކެވެ. މޮޅުވާނެ ކަމަށް ކިތަންމެ އުންމީދެއްގައި ތިބި ނަމަވެސް، ހަގީގަތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އަބަދަކު މިވެނިކަމެއް ވީ ނަމައެކޭވެސް ނުބުނެވޭނެތާއެވެ. އެއަށްވުރެ މި ހާލަތު ގޯހެވެ. ޒިންމާވާން ޖެހޭ އެތައް ބަޔަކު އެބަތިއްބެވެ. ފުޓުބޯޅައިގެ އޮނިގަނޑުގެ ބަލިކަށިކަން ފެނިގެން ދެއެވެ. ހިންގުމުގެ ތެރޭގައި އިހުލާސްތެރިކަމެއް ނެތްކަންވެސް ފެންނަނީ މިފަދަ ނަތީޖާތަކުންނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވިއެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް 20 އަހަރުތެރޭ ކުރިމަތިލާން ޖެހުނު ލަދެކެވެ. މިއަދު ލުބުނާން ކައިރިން ރަނގަޅަށް ކުޅުނު ނަމަވެސް، ބޫޓާން ކައިރީ ފުރަތަމަ މެޗުގައިވެސް ރާއްޖެއަށް އުނދަގޫތަކާ ކުރިމަތިވިއެވެ. މައްސަލައަކީ ކޮބައިތޯ ބަލަން ހުރިހާ އެންމެންވެސް ބޭނުންވެއެވެ. އެކަމަކު އަސްލު ހަގީގަތާ ކުރިމަތިލާން އެއްވެސް މީހަކު ބޭނުން ނުވާހެން ބައެއް ފަހަރު ހީވެއެވެ. މިފަހަރުގެ ނަތީޖާއަކީ ހަމައެކަނި އިއްޔެ، މިއަދުގެެ ފެއިލިއާއެއް ނޫނެވެ. މިއީ ޒަމާންތަކެއް ވަންދެން ކުރިމަތި ނުލައި އޮތް ފެއިލިއާތަކެކެވެ.

"ދިވެހި ފުޓްބޯޅައަށް ގޮތެއް ނުކިޔާތާ އެތައް އަހަރެއް. ނަމަވެސް މިއަދު މެޗުގެ 90 މިނެޓުގެ ނަތީޖާއަކީ މިއަދުގެ ނަތީޖާއެއް ނޫން. އެއީ 12 އަހަރު ނުބައި ދިމާލަކަށް ދިޔަ ދިވެހި ފުޓްބޯޅައިގެ ނަތީޖާ. ކަމެއް ރަނގަޅު ކުރަންޏާ އެންމެ ފުރަތަމަ ކަމަކީ ކަމެއް ގޯސްކަން އެންމެން އެއްބަސްވެ، ގަބޫލުކުރުން.. ކުރިއަށް ރަނގަޅު ދިމާލަށް ދާން ފިޔަވަޅު އެޅޭނެ ހިސާބަކީ އެއީ،" ކުޅިވަރުގެ ޗުއްޓީއެއްގައި ހުރި ކުރީގެ އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ މަރުޒޫގު އަހުމަދު ބަންގްލަދޭޝް ކައިރިން ރާއްޖެ ބަލިވި މެޗަށްފަހު ބުންޏެވެ.

ތެދެކެވެ. ފުޓުބޯޅައިގެ އިހުމާލަކީ މިއަދަކު ވި އިހުމާލެއް ނޫނެވެ. ކުޅުންތެރިން ހިތްވަރާއެކު ގައުމީ ޓީމުގައި ކުޅެމުން، ކްލަބުތަކުގައި ކުޅެމުން ދިޔަ ނަމަވެސް، އެ ކުޅުންތެރިން އުފުލާ ތަކުލީފުތައް އިންތިހާއަށް ބޮޑެވެ. ކްލަބުތަކުގެ ހާލަތު ބޮޑުތަނުން ދަށްވެ، ހިންގުން އޮތީ ބޮއްސުން ލައިފައެވެ. އެއް ކްލަބެއް، ދެ ކްލަބެއް ފިޔަވައި ދެން އެއްވެސް ކްލަބަކަށް ކުޅުންތެރިންނަށް މަހުން މަހަށް މުސާރައެއް ނުދެވެއެވެ. ލީގު ފަށަން ލަސްވެފައި އޮތްވެސް މެއެވެ. އެއީ އެފްއޭއެމްގެ ފަންޑިން ކްލަބުތަކަށް ލަސްވެގެންނެވެ. އެފްއޭއެމްގެ ފައިސާގެ ހާލަތު ނުހަނު ގޯހެވެ. ޔޫތު ޕްރޮޖެކްޓްތައް ހުއްޓި، ކުރިމަގަށް ވިސްނާނެ ޖާގައެއް ނެތެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމަކަށް ސްޕޮންސާ ލިބޭނެ މަގެއް ނެތެވެ. ލީގުގައި، ފުޓުބޯޅައިގެ އަގެއް ނެތެވެ. އެއީ ހަގީގަތެވެ. ފުޓުބޯޅައިގައި އަގެއް އުފައްދަން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް މިދިޔަ މަދު އަހަރުތަކުގައި ކުރެވިފައި ނުވާ ކަމަށް އެއްބަސްވާން ޖެހެއެވެ. އެފްއޭއެމް އޮތީ ދަރާފައެވެ. މާ ކުރިންވެސް ފެއިލްވެފައެވެ.

އެފްއޭއެމްގެ މަތިން ފެށިގެން ތިރިއަށްވެސް، މިއަދުގެ ނަތީޖާއަށް ޒިންމާ ނަގަން ޖެހޭނެކަން ޔަގީނެވެ. ގޯސްތައް އުޅޭކަން ގަބޫލުކޮށް، ކޮންމެ ފަހަރަކު މަޝްވަރާކުރިޔަސް، އަމަލުން ކަންކަން ފެންނަން ޖެހެއެވެ. ކޯޗު ފްރެންޗެސްކޯ މޮރިއޭރޯވެސް ޓެކްޓިކަލީ ޓީމު ކުޅުވި ގޮތް ވަކި ރަނގަޅީކީ ނޫނެވެ. ޓީމަށް މަހެއް ދުވަހު ތަމްރީނު ދިން އިރު، އޭނާ ބޭނުންވި މެޗު ފެނުނީ މިއަދު ލުބުނާން ކައިރިން އެކަންޏެވެ. އެއީ މައްސަލައެއްތާއެވެ. އެކުވެރިކަމުގެ މެޗެއް ކުޅުނު ނަމަވެސް، މުބާރާތަށް ރަނގަޅު ވީސް ކަމަށް ކޯޗު މޮރިއޭރޯ މިއަދުގެ މެޗަށްފަހު ބުނި އިރު، އެކަމަށް އޮތީ ވަގުތު ފާއިތުވެފައެވެ. އެކަން ނުކުރީ ހަމަ ކޯޗު ބޭނުންވެގެންނެވެ. ކޯޗު އެކުވެރިކަމުގެ މެޗު ނުކުޅުނީ އަނިޔާވާނެތީއެވެ. އެކަމަކު ލިބުނު އަނިޔާ މާ ބޮޑުތާއެވެ.

"އަހަރެންނަށް އެނގޭ މިއީ ދަށް ނަތީޖާތަކެއްކަން. ކޯޗެއްގެ ހައިސިއްޔަތުން އަހަރެން ހިތްހަމައެއް ނުޖެހޭ. މިހާރު ސަރަހައްދީ ޓީމުތައް ވެސް ރަނގަޅުކޮށްފައިވާކަން ގަބޫލުކުރަން ޖެހޭ. އެކަމަކު އަހަރެމެންގެ ޓީމުން ބަންގުލަދޭޝް މެޗުގައި ދެއްކި ކުޅުމަށްވުރެ މިއަދުގެ މެޗުގައި ދެއްކި ކުޅުމުގެ ތަފާތު ފެންނާނެ. މިއަދުގެ މެޗުން ފެނުނީ އަހަރެންގެ ޓީމުން ރަނގަޅު ފުޓުބޯޅައެއް ކުޅުނުތަން. އެއީ އަހަރެންނަށް ވަރަށް މުހިންމު ކަމެއް. އަހަރެންނަކީ މިވަގުތު ދިވެއްސެއް، ދިވެހިންގެ އިހުސާސް ހުރި ކޯޗެއް. އަހަރެން ވެސް ބޭނުން ހުރިހާ މެޗަކުން މޮޅުވާން،" މިއަދުގެ މެޗަށްފަހު ކޯޗު މޮރިއޭރޯ ބުންޏެވެ.

ތާރީހަށް ދާނެވެސް ކަމެއް ނެތްތާއެވެ. މިދިޔަ އަހަރުތަކުގައި ނުދާހާ ދަށަށް މިއަދު ރާއްޖޭގެ ފުޓުބޯޅަ ދިޔައީއެވެ. އަބަދުހެން ދަށްކަމުން ދައްކާ ވާހަކަ ލޮލު ކުރިމައްޗަށް ފެނުނީއެވެ. ސަރަހައްދީ ފެންވަރުގައި ރާއްޖެ ބަންގްލަދޭޝްއާއި އިންޑިއާ، އަދި ނޭޕާލްގެ ފަހަތަށްވެސް މިހާރު ވެއްޓުނީއެވެ. ބޫޓާނުން އަރައި ހަމަކުރަނީއެވެ. އެ މަންޒަރުވެސް ފެނިއްޖެއެވެ. ދެރަވާން ޖެހޭނެ ނަތީޖާއެކެވެ. ވިސްނަން ޖެހޭނެ ނަތީޖާތަކެކެވެ. ފުޓުބޯޅައަށް ބަނަ ދުވަހެކެވެ.

ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟