އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މިއަދުގެ އީދު ނަމާދަށްފަހު ކުރިއަށް ގެންދިޔަ އެ ހަރަކާތް ވަނީ މާލެއާއި ހުޅުމާލޭގެ އިތުރުން ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި އދ. ދަނގެތީގައި ކުރިއަށް ގެންގޮސްފައެވެ.
މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލާ ގުޅިގެން ސަލްޓަން ޕާކު ކުރިމަތީގައެވެ. ހުޅުމާލޭގައި ހަރަކާތް ބޭއްވީ އާބަންކޯއާ ގުޅިގެން ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.
ދިރާގުން ވަނީ އެކި ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން އެކި ރަށްރަށުގައި އީދު ކުޅިވަރުތަކަށް އެއްބާރުލުން ދީފައެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ 'ދިރާގު އީދު ބޯކިބާ' އަކީ ވޭތުވެދިޔަ އީދުތަކުގައިވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ހަރަކާތެއް ކަމަށެވެ. އެގޮތުން މި ފަހަރުގެ އީދު ބޮނޑިބަތް ހަރަކާތަށްވެސް ލިބުނު ހޫނު ތަރުހީބަށް އެ ކުންފުނިން އުފާކުރާ ކަމަށާއި ދިރާގުން އަބަދުވެސް ބަލަނީ އެކަހަލަ މުނާސަބު ދުވަސްތަކުގައި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމުގެ ސަގާފަތް ދިރުވާ އާލާކުރާ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދި ކޮށްދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު