ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަޖީދީމަގު ރެޑްވޭވްއާ ހިސާބުން ހިނގާފަދިޔަ މީހެއް ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ފަތިހު ފަހެއް ޖަހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓުގައި 50 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ގައިގާ ސައިކަލުން ޖެހުނީ މަސްޖިދުލް އާދިލުން ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދަނިކޮށެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އާއްމުންގެ ބަޔަކު އޭނާ އުފުއްލައިގެން ގެންދާ މަންޒަރު ފެނެއެވެ. އަދި އެކްސިޑެންޓުވި ގަޑީގައި ސައިކަލު ތަކެއްގައި އިތުރު ޒުވާނުން ތަކެއްވެސް އެ ސަރަހައްދުގައި އުޅުނެވެ.
ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ މީހެކެވެ. އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށްވެސް ބުންޏެވެ.
އަނިޔާ ލިބުނު މީހާގެ އާއިލާއާ ހަވާލާދީ އޭޑީކޭ ހޮސްޕިޓަލުގައި ހުރި "ވަން"ގެ ނޫސްވެރިޔާ ބުނި ގޮތުގައި އެ މީހާގެ ހާލު ވަރަށް ސީރިއަސްއެވެ. އަދި އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާތީ، އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު