އިސްލާމް ދީނުގައި އީދު ފާހަގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫން ކަމަށާއި އެއީ الله ގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއްވެސް ނޫން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ, އިސްލާމް ދީނުގައި އީދުތަކަކީ الله ގެ އަމުރުފުޅުތަކަކަށް ކިޔަމަންގަތުމާ ވިދިގެން އަންނަ ދުވަސްތަކެއް ކަމަށާއި އެގޮތުން އަޟްހާ އީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާ ކަމަށެވެ.
އީދުދުވަސްތައް އުފާވެރި ބާއްޖަވެރި އަދި އެކަކު އަނެކަކަށް ހިތްހެޔޮކުރުމުގެ ދުވަސްތަކަކަށް ހެދުމަށާއި އެއް ބަޔަކު އަނެއް ބަޔަކާ އަތާއިއަތް ޖޯޑުކޮށް, ސަލާމުގަލާން ކުރާ ދުވަހަކަށް ހެދުމަށް ގޮވާލައިފަ އެވެ. އޭގެ އިތުރުން އެކަކު އަނެކަކަށް އަޅައިލާ ހެޔޮކަންތައްތަކާއި ތަގުވާވެރިކަމުގައި އެއްބާރުލުން ދިނުމަށާއި ރަހިމުގެ ގުޅުން ދަމަހައްޓައި ޔަތީމުންނަށް ރަހުމްކުރުމަށްވެސް ގޮވާލި އެވެ.
ހުތުބާގައި ބުނީ, އިސްލާމީ އީދަކީ އެކަނިވެރިޔާ, އޭނާގެ އާއިލާގެ މަތިން ފަގީރުމީހާ, އޭނާގެ މުހުތާދުތަކުގެ މަތިން, ބީރަށްޓެހިމީހާ, އޭނާގެ ރަށްޓެހީންގެ މަތިން, ބިދޭސީ މީހާ, އޭނާގެ ގައުމުގެ މަތިން, ޔަތީމުކުއްޖާ, އޭނާގެ މައިންބަފައިންގެ މަތިން ހަނދާންކޮށްދޭ ދުވަހެއް ކަމަށެވެ.
އަދި މިއަދަކީ އެ ހުރިހާ އެންމެންނަށް މާތް الله ހަނދުމަވާންވީ ދުވަސް ކަމަށާއި އެކަލާނގެއީ ހުރިހާ ބާރުތަކަކަށް ވުރެ ގަދަފަދަ އަޒީޒުވަންތަ ރަސްކަލާނގެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އިސްމާއިލުގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި ދަރީން މައިންބަފައިންނަށް ކިޔަމަން ގަންނަންޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ. އަހަރެމެން އުޟްހިޔާ ކަތިލާ ހިނދު, އަހަރެމެންގެ ހަނދާނަށް ގެނެސްދެނީ އެ މަތިވެރި ޒިކުރާތައް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ އީދުދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށާއި އެހެނަސް އެ އުފާ ފާޅުކުރަންވާނީ الله ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމަށެވެ. ކުޅިވަރު ކުޅުމާއި އުފާކުރުމާއި ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެއް ކަމަށާއި އަހަރެމެން އީދު ފާހަގަކުރަންވާނީ އެހެން މީހުން އީދުފާހަގަކުރާ ގޮތް ކޮޕީ ކޮށްގެން ނޫން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު