މިފަހަރުގެ ބޮޑު އީދުވެސް މި ދިމާވީ ހުޅަނގުގެ ގަދަ ވިއްސާރައިގެ ދުވަސްވަރާއެވެ. ޖޫން ޖުލައި އަކީ ރާއްޖެއަށް އެންމެބޮޑަށް ވިއްސާރަކުރާ ދުވަސްވަރެވެ.
ސްކޫލް ޗުއްޓީއާއެކު އީދު ފާހަގަ ކުރުމަށް ރަށްރަށަށް އެތައް ބަޔަކު ފުރާފައިވާއިރު، މިހިނގާ ޖޫންމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ދޭތެރެ ދޭތެރެއިން އަންނަނީ ވިއްސާރަ ކުރަމުންނެވެ.
އީދު ކުޅިވަރުތަކުގެ ގޮތުގައި ސްޓޭޖް ޝޯތަކާއި އެކިއެކި ސަގާފީ ކުޅިވަރު ޕްރޮގްރާމްތައް ރާވާފައިވާއިރު، އެހުރިހާ ޕްރޮގްރާމްތަކެއްވެސް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނީ މޫސުން އެކަމަށް ތަންދީފި ނަމައެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން، "ވަން"އަށް މިއަދު މައުލޫމާތުދިން ގޮތުގައި ރަސްމީކޮށް އީދު ފާހަގަކުރާ ތިންދުވަހަށް ބަލާއިރު، މޫސުން ގޯސްވާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. ނަމަވެސް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެއެވެ. ދަތުރު ނުކުރެވޭވަރަށް ކަނޑުތައް ގަދަވާނެ ކަމަކަށްވެސް ނުދައްކައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި އަންނަ އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން އެގޮތުގައި ދެމިގެންދާނެއެވެ.
އެހެންކަމުން މިހާތަނަށް މޫސުން ލަފާކުރާއިރު، ގިނަ ރަށްރަށުގައި ރޭވިފައިވާގޮތަށް އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.
ދެން ކުރިއަށް އޮންނާނީ، އީދު ކުޅިވަރުތަކަށްފަހު، މާލެއިން ރަށްރަށަށް ދިޔަ މީހުން މާލެ އަންނަން ދަތުރު ކުރުމާއި، އެ ކުޅިވަރުތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރި މީހުން ދަތުރުތައް ކުރުމެވެ. މޫސުމަށް އެންމެ ބޮޑަށް ސަމާލުވާން ޖެހޭ ވަގުތަކީ ދަތުރުތައް ކުރުމުގެ ވަގުތެވެ. މިއީ ޖޫން ޖުލައިގެ ވިއްސާރަދުވަސްވަރު ކަމަށްވާތީ، ކޮން ދުވަހަކީ، މޫސުމަށް ބަދަލުތަކެއް އަތުވެދާނެ ދުވަހެއްކަން ހަނދާންކުރަން ޖެހެއެވެ.
އެހެންކަމުން ދަތުރަށް ފުރުމުގެ ކުރިން ސަމާލުވާން ޖެހޭ ކަންތައްތައް ފުލުހުން ވަނީ އާއްމު ކޮށްފައެވެ.
އޭގެ ތެރޭގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރޭ ބަޔާންތަކަށް ހާއްސަ ސަމާލުކަމެއްދިނުމާއި، ރީނދޫ، އޮރެންޖު އަދި ރަތް ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ދަތުރަށް ނުފުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ
"މި ކުލަތަކުގެ ސަމާލުތައް ނެރެފައިވާ ނަމަ، ނުވަ މީޓަރަށްވުރެ ކުދި އުޅަނދުގައި މީހުން އުފުލުމާއި އެ ފަދަ އުޅަނދު ދުއްވުމަކީ މަނާކަމެއް، ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގެ ކެޕްޓަން އަދި އުޅަނދުން ދަތުރުކުރާ މީހުންވެސް، ދަތުރުކުރާ ސަރަހައްދުގެ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި މޫސުން ކުރިއަށް ލަފާކުރާގޮތް ބަލަންވާނެ، އަދި ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފަޅުވެރިންނަށާއި އުޅަނދުން ދަތުރުކުރާ މީހުންނަށް އުޅަނދުގެ ކެޕްޓަން މައުލޫމާތު ދޭންވާނެ،" ފުލުހުންގެ އިލްތިމާސްފައިވެއެވެ.
މީގެ އިތުރުން ދަތުރަށް ފުރުމުގެ ކުރިން އުޅަނދުން ދަތުރުކުރާ އެންމެން ލައިފްޖެކެޓު އެޅުމަށާއި، މީހުން އުފުލަން އަދި މުދާ ބަރުކުރުމަށް އެ އުޅަނދަކަށް ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުމާއި، މީހުން އުފުލުމަކީ މަނާކަމަކަށްވާތީ އެކަން ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ، އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވެފައި ހުރިތޯ ބަލައި ޔަގީންކުރުމަކީ އެ އުޅަނދު ދުއްވާ މީހާގެ ޒިންމާއެއް ކަމަށެވެ. ލައިފްޖެކެޓް، އަލިފާންނިވި، ފަސްޓްއެއިޑް ބޮކްސް، ދިޔަހިއްކުމަށް ބޭނުންކުރާ އާލާތްތަކާއި، ނެވިގޭޝަން އާލާތްތަކާއި، މުވާސަލާތީ ވަސީލަތްތައް ހަމަޔަށް ހުރިތޯ އާއި އެ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ވެސް ބަލަންވާނެއެވެ. އަދި އުޅަނދުގެ އިންޖީނު ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމާއި އެއްވެސް މައްސަލައެއް އުޅޭނަމަ އެ މައްސަލައެއް ހައްލުކޮށްގެން ނޫނީ ދަތުރަށް ނުފުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ދަތުރަށް ބޭނުންވާވަރަށް ތެލާއި ކާބޯތަކެއްޗާއި ބޯފެން ހުރިތޯ ބަލައި އެ ތަކެތި ހަމަކޮށްގެން ނޫނީ ދަތުރަށް ނުފުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ އިދާރާއިން ދިން މައުލޫމާތުތަކަށް ބަލައި، ކުރިއަށް މިއޮތް އީދުގެ ތިން ދުވަހުގެ މޫސުން ލަފާކުރާގޮތުން ފެން އީދަކަށް ނުވެ ގިނަ ރަށްރަށުގައި އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދެވޭނެއެވެ. އެހެންކަމުން މިފަހަރުގެ ބޮޑުއީދު ފެން އީދަކަށް ނުވެ ހިނގައިދާނެ ކަމަށް އުއްމީދު ކުރަމާ ބަހީއެވެ.