އީދުގެ އެންމެ މަތިވެތި މަގުސަދަކީ ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަހުމަތްތެރިކަމާއި އޯގާތެރިކަން އާލާކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ހިތޯބުގައި ވިދާޅުވީ އީދުގެ މުނާސަބަތަކީ އެކަކު އަނެނަކަށް މާފުކޮށް، ޒާތީ ހަސަދާއި ނަފުރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުން ކަމަށެވެ. އަދި އީދުގެ އެންމެ މަތިވެރި މަގުސަދަކީ، އެކަކު އަނެކަކަށް މައާފުކޮށް ހިތްހެޔޮކުރުމާއި ޒާތީ ހަސަދައާއި ނަފުރަތުން އެއްކިބާވެ، އަހުވަންތަކަމުގައި ދެމިތިބުމާއި ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، ރަހުމަތްތެރިކަމާއި އޯގާތެރިކަމާއެކު، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުން ކަމަށް ވިދާޅުވި އެވެ.

"އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އަޟްހާ އީދާ ގުޅިފައިވާ ހައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުންވެސް ރަމްޒުކޮށްދެނީ، އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުމާއި އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދޭންވީ މިންވަރު ކަމަށެވެ. އަދި ހައްޖުގެ އަޅުކަމުން ލިބިދޭ އިބްރަތަކީ ހުރިހާ އިންސާނުންގެ ހަމަހަމަކަމާއި އިންސާނީ ކަރާމާތްތެރިކަމުގެ އަގު މަތިވެރިންވެގެންވާކަން ކަމަށް ވިދާޅުވިއެވެ.

އީދު އުފާ ފާހަގަކުރާއިރު އީދު އުފާ ފާހަގަކުރަން އިސްނަގަންވާނީ އާއިލާގެ ތެރެއިން ކަމަށާއި އެގޮތުން މައިންބަފައިންނާ ބައްދަލުކޮށް، އިހުތިރާމާއި އޯގާތެރިކަމާއެކު އީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނބިދަރިންނަށް ހަދިޔާ ދީ، ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކޮށް، ގާތްތިމާގެ މީހުންނަށްނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތް ކުރަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.