ފުރިހަމަ އަދި ރައްކާތެރި ހައްޖަކަށް ހެދުމަށް މިއަހަރު ސައުދީން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ސައުދީ ޑާޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީގެ ރައީސްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން އެގައުމުން މިއަހަރުގެ ހައްޖު މޫސުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ވަކީން ހާއްސަކޮށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ހައްޖާޖީންގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ސައުދީގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހައްޖާޖީންނަށް ހިދުމަތް ދިނުމުގައިވެސް އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އޭއައިގެ އެހީގައި ހައްޖުވެރިން ދެނެގަނެ އެމީހުންގެ ސަލާމަތީ ކަންކަން ބެލުމުގައި އިތުރު ހަރުފަތަކަށް މަސައްކަތް ފުޅާކުރާނެކަމަށް އޮފިޝަލުން ބުނެއެވެ. ސައުދީން ވަނީ އޭއައި ރޮބޮޓް ވެސް މިފަހަރު ބޭނުންކުރަން ނިންމައިފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ސައުދީއަށް ދެ މިލިއަނެއްހައި މީހުން ޒިޔާރަތްކުރާނެ ކަމަށް އެ ގައުމުގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.