ޚަބަރު

ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު ހަވީރު އިއުލާން ކުރަނީ

މުހައްމަދު ޖަމްޝަތް ވަހީދު

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން މި ސަރުކާރުން ހިންގާ ‘ބިންވެރިޔާ’ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު ހަވީރު އިއުލާން ކުރަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީއާއި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ގެދޮރުވެރިންގެ ކޮމިޓީން ވަނީ ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފައެވެ. އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު ރައީސް އޮފީހުގައެވެ.

'ބިންވެރިޔާ' ސްކީމުގެ ދަށުން 5،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ދޫކުރަން ނިންމާފައިވަނީ 3000 ގޯއްޗެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. ގޯތި ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅުގެ އަދި ގިރާވަރު ފަޅު ހިއްކައިގެންނެވެ. އެ ސްކީމަށް 15،164 މީހަކު ކުރިމަތިލާފައިވެއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 18 ބުރީގެ 32 ޓަވަރު އިމާރާތްކުރުމުގެ މަސައްްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޖުމުލަ 4،000 ފްލެޓެވެ.

އެ ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ކުރިމަތިލާފައިވެއެވެ.