އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ކޮންމެ ހާލަތެއްގައި އޮތަސް، ގައުމީ ޓީމުގެ ރަތް ޖާޒީއަށް އެދެނީ ކާމިޔާބީއަށެވެ. ކުޅުންތެރިންނަކީ ހުނަރުގެ ގޮތުން ސަރަހައްދުގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނެވެ. ކުޅުންތެރިންގެ މަސައްކަތަކަށް ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ. ގައުމީ ޖާޒީގައި ކުޅޭ ކޮންމެ ކުޅުންތެރިޔަކީ ހިތްވަރާއެކު ގައުމީ ޖޯޝުގައި ކުޅޭ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ތަފާތު އެކި ހާލަތްތަކުގައި އެކަން ސާބިތުވެސް ކޮށްދީފިއެވެ. އެކަމަކަށް ފާޑުކިޔުމެއް ނެތެވެ. ކުޅުންތެރިންނަށް ދިވެހި ފުޓުބޯޅައިގައި އޮތް ހާލަތަކީ ތާ އަބަދުވެސް ކަންބޮޑުވުމަކަށް ދެކެވެމުން ދިޔަ ވާހަކަތެކެވެ. މި ސާފް ޗެމްޕިއަންޝިޕްގެ ކުރިންވެސް އެ ވާހަކަތައް ތަކުރާރުކުރެވިފައި ވާނެއެވެ. ސާފަށް ކުރަނީ ކޮން އުންމީދެއްތޯ ސުވާލު ކުރެވުނުވެސް މެއެވެ. އެ އުންމީދާ ހަމައަށް ވާސިލުވާން މިދިޔަ އަހަރުތަކުގައި ފުޓުބޯޅައިގެ މިސްރާބު ބައްޓަން ކުރެވުނީ ކިހިނަކުންތޯވެސް ސުވާލު ކުރެވުނެވެ. އެ ސުވާލުތަކަށް މާ ބޮޑު ޖަވާބެއް ނެތި، "މުބާރާތަށް ކުރާ އުންމީދަކީ ތަށި" ކަމަށް ބުނި ނަމަވެސް، ދިވެހި ސަޕޯޓަރުންނަށް އެ އުންމީދު ގަބޫލުކުރަން އޮތީ ދަތިވެފައެވެ. އެއީ ހާލަތުގެ ގޮތުންނެވެ. ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއާއެކު ޓީމަށް ހެޔޮ ބަދަލުތަކެއް ނައިތަނުގައި، ކޯޗާ ހަމައަށް ޓީމެއް ގެންދަން ކުރެވުނު މަސައްކަތެއްވެސް ނެތެވެ. ލީގު ސިސްޓަމުން ގޮސް، ފުޓުބޯޅަ އޮތީ ފެއިލްވެފައެވެ. ދަރާފައެވެ.
ދިވެހި ރާއްޖެއިން މިހާރު އިންޑިއާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުޅުނު މެޗުގައި ބޫޓާން ކައިރިން 2-0 އިން މޮޅުވި އިރުވެސް، ޓީމުގައި މާ ބޮޑު ރޫހެއް ނެތެވެ. ވަރުބަލިކަން ފެނުނެވެ. އޭގެ އިތުރުން ކުޅެން ބޭނުންވި ސްޓައިލެއް، ކޯޗުގެ ސްޓައިލެއް "މެންޓާލިޓީއެއް' ސާފެއް ނުވިއެވެ. އެހާ ހިސާބުން ކޯޗު މޮރިއޭރޯގެ މަސައްކަތަށް ސުވާލުތަކެއް އުފެދުނެވެ. ކުޅުންތެރިންނާ އޭނާއާ އޮތް ގުޅުންވެސް މާ ބޮޑަކަށް ފެނިގެން ނުދެއެވެ. ޓީމު ތެރޭގައި ގުޅުންތެރިކަން ކުޑަކަންވެސް ފެނިގެން ގޮސްފައިވެއެވެ. އެ ހާލަތުގައި އޮއްވައި އިއްޔެ ބަންގްލަދޭޝް އަތްދަށުވީ 3-1 ގެ ނަތީޖާއަކުންނެވެ. ހަމަ ބޫޓާން މެޗުގައި ފެނުނު މަންޒަރު ފެނުނެވެ. އޯގަނައިޒްވެފައި ނެތް ޓީމެއް އަރައި ވަކިވަކި ހުނަރު ދެއްކިއެވެ. އިއްޔެގެ ބައްޔާއެކު ދެން ރާއްޖެއަށް ސެމީއަށް ދެވެން އޮތީ ލުބުނާން ބަލިކޮށްގެންނެވެ. އެކަމަށް އަދިވެސް އުންމީދުކުރެވެއެވެ.
ރާއްޖެއިން ސާފަށް ނުކުތީ އެކުވެރިކަމުގެ މެޗެއް ނުކުޅެއެވެ. އެއީ ގޯހެއްތޯ ސުވާލުކުރުމުން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ އެއީ މާ ބޮޑު އުނިކަމެއް ޓީމަށް އަންނާނެ ކަމެއް ނޫން ކަމަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "ވަން ސްޕޯޓްސް"އަށް ސާފްގެ ކުރިން ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވިދާޅުވީ ކޯޗު ގިނައިން މެޗު ކުޅެން ބޭނުން ނުވަނީ އަނިޔާގެ މައްސަލަތައް ދިމާވެދާނެތީ ކަމަށެވެ. އެއީ މެޗު ނުކުޅެން އެންމެ އެކަށީގެންވާ ސަބަބެއް ނޫން ނަމަވެސް، ކޯޗުގެ އެ ވިސްނުމަށް އިހުތިރާމު ކުރުމުގެ ގޮތުން، މުބާރާތުގެ ކުރިން މާ ބޮޑަށް އެވާހަކަތަކެއް ނުދެކެވެއެވެ. އެހެންނަމަވެސް އެއީ އަބަދުވެސް ދިވެހި ސަޕޯޓަރުންގެ މެދުގައި އޮތް ކަންބޮޑުވުމެކެވެ.
ދެން އޮތީ ކޯޗު މީޑިއާތަކާ ދުރުވުމުގެ ވާހަކައެވެ. ގައުމީ ޓީމުން ސާފްގެ ކޭމްޕަށް ޖަޕާނަށް ފުރި ދުވަހުވެސް މީޑިއާތަކާ ވާހަކަ ދައްކަން ކޯޗު ދެކޮޅު ހެދިއެވެ. ތަރުޖަމާނަކު ނެތުން އެއީ އެއް ސަބަބު ކަމަށްވެސް ވެދާނެއެވެ. ކޯޗު ޓީމާ ފުރަތަމަ ހަވާލުވި އިރު، ތަރުޖަމާނެއް ހުރި ނަމަވެސް ފަހުން އެފްއޭއެމްގެ މާލީ ހާލަތު ގޯސްވެ، އޭނާ ފޮނުވާލިއެވެ. އެހިސާބުން ކޯޗު ވާހަކަ ދައްކަން ޖެހުނީ 'ކޮށަކޮށައިގެންނެވެ." ކިރިޔާ ފަހުމު ވަނީއެވެ. އެއީ ކޯޗަށް މި މުބާރާތުގެ ތެރެއިންވެސް ދިމާވި މައްސަލައެކެވެ. ބަންގްލަދޭޝް މެޗުން ބަލިވުމާއެކު ކޯޗު ސްޓޭޓްމެންޓެއް ދީ މީޑިއާ ރޫމް ދޫކޮށް ދިޔައީއެވެ. ސުވާލަކަށް މަޑެއް ނުކުރިއެވެ. އެއީ އެކި މީހުންގެ ނަޒަރުގައި ހިޔާލުތަފާތު ކަމެކެވެ. ކޯޗު ޒިންމާ އަދާކުރި ކަމަށް އެއް ބަޔަކު ބުނެއެވެ. އަނެއް ބަޔަކު ބުނަނީ ކޯޗު ޒިންމާއިން ރެކުނީ ކަމަށެވެ.
"ގައުމީ ޓީމުގެ ކޯޗުގެ ގާބިލުކަމާއިމެދު މިވަގުތަށް ބަހެއް ބުނާކަށް ނެތިން. އެހެނަސް އިއްޔެގެ މެޗަށް ފަހު ޕްރެސް ބްރީފިން ކުރުކޮށްލާފައި ކޯޗު ދިޔަ މައްސަލަ ބަލާ ވާހަކައަށް އެއްޗެއް ބުނެލަން ބޭނުން. މުބާރާތު ގަވާއިދުގެ ދަށުން ޕޯސްޓް މެޗް ޕްރެސް ކޮންފަރަންސަށް ޓީމްގެ ހެޑް ކޯޗު ހާޒިރުވެ މެޗާ ބެހޭ ގޮތުން ވާހަކަ ދެއްކުން އެއީ މަޖުބޫރުކަމެއް. މިގޮތުން ގައުމީ ޓީމުގެ ހެޑް ކޯޗް މީޑިއާ ކުރިމައްޗަށް ނުކުމެ އިނދެ ގައުމީ ޓީމުގެ ކުޅުމާ ބެހޭގޮތުން ހާލަތާއި ވަގުތަށް ބަލައި އޭނާއަށް އެ ވަގުތަށް ދެވެން އޮތް މިންވަރަކަށް މެޗުގެ މައުލޫމާތު ހިއްސާކުރި ހިސާބުން ގަވާއިދުގައި އެ ބުނާ އެ ފޯމަލިޓީ ފުރިހަމަ ކުރެވުނީ. އޭނާ ޕްރެސްކުރުކޮށް އިތުރަށް ވާހަކަ ދައްކަން ބޭނުންވުން އެއީ ކޯޗުގެ އިހްތިޔާރީ ކަމެއް. އެއީ ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ޖެހޭ ކަމެއްކަމަށް ގަބޫލުކުރަން ދަތި، ބައެއް އިމޯޝަނަލް ވަގުތުތަކުގަ ގިނަ ކޯޗުން ވަޒީފާގެ ވަގުތު ހަމަވެއްޖެކަމަށް އިހުސާކުރެވޭ ހިސާބުން އިތުރަށް ބަސްބުނެ ނުހަދައި ޕްރެސް ބްރީފިން ކުރުކޮށް ނުކުމެފައިހުރީ މަދެއްކޮށެއް ނޫން،" ކުރީން، ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ، އަދި މިހާރު މަގުބޫލު މެޗް ކޮމިޝަނަރު، އަދި ފުޓުބޯޅަ އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާކާރު ޝާހް އިސްމާއީލް ފޭސްބުކްގައި ބުނެފައިވެއެވެ.
އިއްޔެ ކޯޗު ދިން ސްޓޭޓްމަންޓަށްފަހު، ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނެފައި ވަނީ ކޯޗުގެ މައްސަލަ ބަލާނެ ކަމަށާއި، އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ޝާހުގެ ނަޒަރުގައި އެއީ ޑިއު ޕްރޮޓޮކޯލްއާ ހިލާފު ކަމެކެވެ. ކޮންމެއަކަސް އެ ހިނގައިދިޔަ ކަންކަން އެންމެ ރަނގަޅެއް ނޫނެވެ. ކޯޗު ޓީމުގެ "ކުޅުންތެރިންނަށް ބްލޭމް" ކުރާ މޭރުމުން އެ ވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ދިވެހި ފުޓުބޯޅަ އައިސްފައިވާ ހިސާބުން ކުޅުންތެރިންވަމުން އަންނަ ގުރުބާނީ ހަނދާންވެސް ކުރަން ޖެހެއެވެ.
އިއްޔެ ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ނެރުނު ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނުނީ މާޒިޔާ ސްޕޯޓްސް ކްލަބުގެ 11 ކުޅުންތެރިންނެވެ. އެއީ ކްލަބު ފުޓުބޯޅައިގައި ރާއްޖެ އޮތް މިސްރާބެވެ. ލީގުގެ ވާދަވެރިކަމެއް ނެތެވެ. ދެމެހެއްޓެވި ހައްލެއް އެކަމަށް ހޯދޭނެ ގޮތެއް ނެތެވެ. ސަރަހައްދީ ގައުމުތަކާ އަރައި ހަމަކުރަން "ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރަން،" ޖެހޭ ކަމަށް ސާފްގެ ކުރިން "ވަން ސްޕޯޓްސް"އަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް ފާހަގަކުރެއްވިއެވެ. ލީގުގެ ކަންކަމަކީ އޭގެން އެއް ކަންތަކެވެ. ހަގީގަތަށް ބުނާނަމަ، ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ސާފަށް ނުކުތީ އެތަކެއް ދުވަހަކު ނުކުޅެ ތިބެ، ލީގު ފެށިގެން ހަމަޖެހިނުލައެވެ. ޕްރެސިޑެންޓްސް ކަޕާއި ލީގުގެ ފުރަތަމަ ތިން މެޗަކީވެސް ގިނަ ކްލަބުތަކަށް ޕްރީ ސީޒަނެކެވެ. ލީގު ނުފެށި ދިގު ލީ، ކްލަބުތަކަށް އެފްއޭއިން ފައިސާ ނުދެވިގެން ކަމަށްވެއެވެ.
ކްލަބުތަކަކީ އެ ހާލަތުގައި އޮންނަން ޖެހޭ ތަންތަން ނޫން ނަމަވެސް، ލީގުން ވިއްކޭނެ އެއްޗެއް ނެތުމުން ސްޕޮންސާޝިޕެއް ލިބޭނެ މަގެއް ނެތެވެ. ލީގުގެ އަގު ވެއްޓިގެން ގޮސް، މީހަކު ނުބާލާ އެއްޗަކަށް ލީގު ވެފައިވުން އެއީ ވަރަށް ބޮޑު އިހުމާލެކެވެ. ޓެކްނިކަލީ ރާއްޖޭގެ ފުޓުބޯޅައަށް މިދިޔަ މަދު އަހަރުތަކުގައި ފެށި ކަމެއް ވިޔަސް މިހާރު އޮތީ ހުއްޓިފައެވެ. މާލޭ ސަރަހައްދުގައި ޔޫތު، އިންޓަ ސްކޫލް މުބާރާތްތައް ބޭއްވުން އެއީ ހައްލެއް ކަމަކަށް ދެކެވޭކަށް ނެތެވެ. ކޮވިޑްގެ ހާލަތު ދިމާވެގެން ކުރިމަގަށް ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ރޮބާޓޯ ސަލްގާޑޯއާއެކު ފެށި ޕްރޮޖެކްޓްވެސް އޮތީ ވަޅުޖެހިފައެވެ. ހުޅުމާލޭގެ ފުޓުބޯޅަ ސްކޫލުގެ އިމާރާތް ހުރި ކަމެވެ. އެތަން ހިންގަން ކުރެވުނު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އެތަން ހިންގުމުގެ ފައިސާގެ ގާބިލުކަންވެސް އެފްއޭގައި ހުރި ކަމަކަށް ނުފެނެއެވެ.
ދެން އޮތީ އަތޮޅު ތެރެއިން ފަށައިގެން، މުޅި ރާއްޖެއިން ޝާމިލުވާނެ ގޮތަށް ރޭވި ލީގެވެ. އެކަމަށް ޔޫތު މިނިސްޓްރީން ދަނޑުތައް ހެދި ނަމަވެސް، ދާދިފަހުން މިނިސްޓަރު އަހުމަދު މަހުލޫފް މަޖިލިސްގައި ވިދާޅުވީ އެފަދަ ލީގަކަށް ރާއްޖޭގައި ބަޖެޓް ނެތް ކަމަށެވެ. އެކަމަކު މިއަހަރުގެ ލީގުގެ ރެލިގޭޝަން އުވާލައި، އެފްއޭއެމްއިން ތިބީ އަންނަ އަހަރު ލީގު ސްޓްރަކްޗާ ބަދަލުކުރަން ނިންމައިގެންނެވެ. އާންމުކޮށް ދިމާވާ މައްސަލައެކެވެ. އެފްއޭއާއި ޔޫތު މިނިސްޓްރީގެ ދެމެދުގައި އެކަމުގައި ހިޔާލު ތަފާތެވެ. ބައްސާމް "ވަން ސްޕޯޓްސް"އަށް ސާފްގެ ކުރިން ވިދާޅުވީ މިއަހަރު އަލުން އަތޮޅު ތެރޭގެ އެކަޑެމީތައް ފަށައި، ފުޓުބޯޅަ ސްކޫލްވެސް ފަށާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް މިނިސްޓްރީއާ އެކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
"އަހަރެމެންގެ ފުޓުބޯޅައަށް ގުޅިގެން ކުރެވޭ މަސައްކަތްތަކެއް ކުރެވެން ޖެހޭ. އަދި ޕްރޮފެޝަނަލް ސަޕޯޓް އެބަ ހޯދަން ޖެހޭ. ބޭނުންވާ ލަނޑުދަނޑި ކަނޑައަޅަން އެބަޖެހޭ. ސަކްސަސްއަކީ ދަތުރެއް. އެ ޕްރޮސެސްގެ ތެރޭގައި ބައިވަރު ޗެލެންޖްތައް އަންނާނެ. އުނދަގޫތަކާ ކުރިމަތިވާނެ. ބައެއް ފަހަރު ކާމިޔާބު، އަނެއްބައި ފަހަރު ނާކާމިޔާބުވެސް ވާނެ. މުހިއްމު ކަމަކީ ކަންކަން ދަސްކުރަމުން ދިއުން. ބަދަލުކުރަން ޖެހޭ ކަންކަން ބަދަލުވެސް ކުރުން. އިތުބާރު ދެމެހެއްޓުން. ދެން އޮތް މެޗަށްވެސް ހިތްވަރު ކުރަންވީ،" ކުރީގެ ގޯލްކީޕަރު، އަދި އެއްވަނަ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ބުންޏެވެ.
ލީގުގެ ފެންވަރު ދަށްވިކަން މުސާރައިގެ އެތައް މައްސަލައަކުންވެސް ސާފުވެއެވެ. އެތައް ކުޅުންތެރިންތަކަކަށް ކްލަބުތަކުން ދޭން ޖެހޭ ފައިސާ އަބަދުހެން އޮންނަނީ ނުދެވިއެވެ. ލީގު ސިސްޓަމަކީ ފައިދާއެއް ނެތް ސިސްޓަމަކަށް ވެއްޖެއެވެ. ކްލަބުތަކުން އެފްއޭއެމްއަށް ފައިސާއަށް ބަރޯސާވާން ޖެހުމާއެކު، އެފްއޭއެމްގެ ކަސްތޮޅެއްގައި ކްލަބުތައް އޮތުމަކީ އެފްއޭ ޖަވާބުދާރީ ކުރުވަން އޮތް އެންމެ ބޮޑު އެއް ހުރަހެވެ.
"އަހަރެންނަކީ މިހާރު ފުޓުބޯޅައިގައި ވަރަށް ގިނަ ކާމިޔާބީތައް ހޯދައި، ގައުމީ ޓީމާއެކުވެސް ތަށި ހޯދާފައިވާ ކުޅުންތެރިއެއް. އަހަރެން ފުޓުބޯޅައާ ދޭތެރޭ ވިސްނައި، އެކަމާ ހިތާމަކުރާވަރަށް ހިތާމަކުރާ މީހަކު މަދުވާނެ. އަހަރެން މި ކިޔައިދެނީ އަބަދުވެސް ތެދު ވާހަކަތަކެއް. އެއީ ރިޔާލިޓީއަކީ. ސަރަހައްދީ ގައުމުތަކުން ރާއްޖެ ޖަހާލާފައި ދާތަން ބަލަން ހުރުން އެއީ ވަރަށް އުނދަގޫ ކަމެއް. ކަންކަން ރަނގަޅު ކުރަން އިހުލާސްތެރި ބަޔަކު މަސައްކަތްތަކެއް ކުރަން ޖެހޭ. ކަންކަން ރަނގަޅު ކުރަން މިހާރު ތިބި މީހުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެވެންޏާ އެކަން ކުރެވޭނެ ކަހަލަ، އިހުލާސްތެރި ބަޔަކަށް ކަންކަން ހަވާލުކުރަން ޖެހޭ. މިހާރު އޮތް އެފްއޭ ބަދަލުވާ ދުވަސް އެއީ އަހަރެން ދެކެން ބޭނުންވާ ދުވަހެއް. އެކަމަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެ ބަޔަކު އަންނާނެ ދުވަހެއްވެސް ދެކެން ބޭނުން،" ކުރިން ގައުމީ ޓީމާއެކު 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ރޭ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ފުޓުބޯޅައިގެ މަގު ޗާޓެއް ނެތެވެ. އަހަރުން އަހަރަށް ލީގު ކުޅެވޭވަރު ކިރިޔާ ހެދުނަކަސް ދުރު ރާސްތާ ޕްލޭނެއް ނެތި ނަތީޖާ ނެރެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. ކުޅުންތެރިން ފުޓުބޯޅަ ކުޅެން އެތަކެއް ތަކުލީފެއް އުފުލަމުން އަންނައިރު، އެ ކުޅުންތެރިންނަށް ފުޓުބޯޅައަކީ ކެރިއަރެއްގެ ގޮތުގައި ހެދުން އެއީ މިހާރު އުނދަގޫ ކަމެކެވެ. ޑޮމެސްޓިކް ފުޓުބޯޅަ ދަށްވެގެން ގޮސް ބަލާނެ ބަޔަކު ނެތި، ކުއްލިއަކަށް ގައުމީ ޓީމުން ނަތީޖާ ނެރުމަކީވެސް ނާދިރު ކަމެކެވެ.
އެހެންކަމުން އެކުގައި މަސައްކަތްތަކެއް ކޮށްގެން ނޫނީ، ދިވެހި ގައުމީ ޓީމަށް ބަދަލުތަކެއް، ކުރިއެރުމެއް ނާންނާނެއެވެ. އޭޝިއަން ކަޕަށް ވިސްނުން ގެންގުޅެން ޖެހޭ ހިސާބަށް އައިއިރު، ދިވެހި ފުޓުބޯޅަ ދަނީ ދަށަށް ކަން އިހުލާސްތެރި ވިސްނުމަކުން ވިސްނާލީމާ އެނގޭނެއެވެ. އެއީ އެދޭގޮތް ނޫން ނަމަވެސް، ގޯސްވެގެން މިއުޅެނީ ގައުމީ ޓީމު އެކަންޏެއް ނޫނެވެ. ގައުމީ ކޯޗު އެކަންޏެއްވެސް ނޫނެވެ. މުޅި ދިވެހި ފުޓުބޯޅަވެސް އޮތީ އަނދަވަޅެއްގައެވެ. މިކަން ނޭނގޭ މީހަކުވެސް ނެތެވެ. ހައްލަކީ އެންމެނަށް އެނގޭ ކަމެކެވެ. ފިޔަވަޅު އަޅަންވީ އެވެ. ބަދަލު ގެންނާންވީ އެވެ. އިހުމާލުވީ މީހުން އޮޅިފައެއް ނެތެވެ. ދިރާސީ ނަޒަރަކުން ވިސްނީމާ ސާފު ވަނީ ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެ އޮތީ އެންމެ ފުލުގައި ކަމެވެ. އެތައް އަހަރުތަކެއް ކުރީން ރާއްޖެ އޮތް މަގާމަށް ބަލައި، އަންނާން ޖެހޭ ކުރިއެރުމަށް ބަލައި މާކްސް ދިނީމާ ނުކުންނަ ނަތީޖާއަކީ އެއީ އެވެ.
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް