ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައިށް، އެމްޑީޕީން ވަކިވި ދަ ޑިމޮކްރެޓްސް އިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލީޝަނާއެކު ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

އެ ފަރާތްތަކުން މިއަދު ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ދެ ފަރާތުން މިއަދު ފެށީ ސިލްސިލާ ބައްދަލުވުންތަކަކީ ސަރުކާރު ޖަވާބުދާރީކުރުވައި ރައީސް ސޯލިހުގެ ސަރުކާރު ނިމުމަކަށް ގަނައުމަށް ކުރަންޖެހޭ ކަންތައްތައް ވީހާވެސް އަވަހަށް ތަރުތީބުކޮށް، ކުރިއަށް ދިއުމަށްޓަކައި ފެށި ބައްދަލުވުންތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ބައްދަލުވެ މި ނިންމީ މިހާރު މިހުރި ވެރިމީހާ ބެއިލުމަށް އަޅުގަނޑުމެންނަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ، އެކަން އަޅުގަނޑުމެން ތަރުތީބު ކުރާނަން. އަޅުގަނޑުމެން މި ނިންމީ ހަފުތާއަކު ތިން ބައްދަލުވުން ކުރިއަށް ގެންގޮސް، ވަރަށް އަވަހަށް މަސައްކަތްތައް ތަރުތީބުކޮށް ވަރަށް އަވަހަށް މި ކަންތައްތައް ކުރަން. މި އެއްބަސްވުން ބައްޓަންކުރެވިގެންދާނީ ދެބައި މީހުންގެ އެއްވެސް ހައްގެއް ނިގުޅައި ނުގަނެވޭ ގޮތަށް ދެބައި މީހުންވެސް މަސައްކަތް ކުރާނީ އެއް އެޖެންޑާއަކަށް،"

ޝިޔާމް ވިދާޅުވީ، ދެފަރާތުންވެސް މަސައްކަތް ކުރަނީ މިސަރުކާރު ނިންމުމަކަށް ގެނައުމަށް ކަމަށެވެ. މިކަމަށްޓަކައި ދެ ފަރާތުގެ މަޝްވަރާތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކޮމިޓީގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ، އޭނާގެ އިތުރުން މަހިނބަދޫ ދާިއރާގެ މެންބަރު އަހުމަދު ތޯރިގާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު އާއި މުހައްމަދު ހުސެއިން ޝަރީފް (މުންދު) ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ކަމަށެވެ.

މިއަދުގެ ބައްދަލިވުމުގެ ރިޔާސަތު ބެލެހެއްޓެވީ އީވާއެވެ.

އަލީ އާޒިމްވެސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ދަ ޑިމޮކްރެޓްސް އޮތީ ތައްޔާރަށް ކަމަށެވެ.