އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި، ރިޝްވަތުގެ ބޭނުންކޮށް މަނީލޯންޑާ ކުރުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރާ މަޖިލިސް މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" އިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިނުމަކަށް ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އެކު ސިލްސިލާ ބައްދަލުވުންތަކެއް މިއަދު ފެށުމަށްފަހު، އެކަމާބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި، "ދަ ޑިމޮކްރެޓްސް" ގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން ޖަލަށްލާފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީން ޖަލަށްލާފައި އޮތުމަކީ އަބަދުވެސް އަޅުގަނޑުމެންގެ ކަންބޮޑުވުމެއް، އެ ކަންބޮޑުވުން އަޅުގަނޑުމެން ފާޅުވެސްކުރަން،"
އަލީ އާޒިމް ވިދާޅުވީ، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނަމަ، ހުރިހާ ސިޔާސީ ލީޑަރުންނަށް ވާދަކުރެވެން ޖެހޭ ކަމަށާއި "ދަ ޑިމޮކްރެޓްސް" ގެ ސްޓޭންޑަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ، އިދިކޮޅު ކޯލީޝަނާ އެކު ފަށާފައިވާ ސިލްސިލާ މަޝްވަރާތަކަކީ މިހާރު އޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަށްކޮށް، އެ ސަރުކާރު ނިނުމަކަށް ގެނައުމަށް ދެފަރާތުން ގުޅިގެން ކުރާނެ ކަންތައްކަނޑައެޅުން ކަމަށެވެ.
އެ ދެ ފަރާތުންވެސް މަސައްކަތް ކުރަނީ އެއްޓާގެޓަކަށް ކަމަށާއި އެއީ ރައީސް ސޯލިހުގެ ވެރިކަން ނިނުމަކަށް ގެނައުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން "ދަ ޑިމޮކްރެޓްސް" އިން ތައްޔާރަށް އޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު