ވެރިކަން ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ގަނޫނީ އިމުން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ރައްދު ދެއްވައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހާއްސަކޮށް ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދިފަޅު ހިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވުމުންނާއި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ އެކަމާ ގުޅިގެން ވަރަށް ބޮޑަށް ކޯފާއިސްކުރެއްވައި ވަނީ ރައީސް ސޯލިހު ގެއަށް ވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ވާވެއްދިފަޅު ވިއްކުން ހުއްޓުވި މައްސަލަ ފާހަގަކުރައްވައި ގާސިމު ވިދާޅުވީ, އެ މައްސަލައަކީ ސުޕްރީމް ކޯޓުންނާއި އޭސީސީންވެސް ނިމިފައި އޮތް މައްސަލައެއް ކަމަށާއި އެހެންކަމުން އެކަމެއް ރައީސަކަށްވެސް އަދި ރައްޔިތުންގެ މަޖިލީހަކަށްވެސް ނުހުއްޓުވޭނެ ކަމަށެވެ.
"އިޓްސް ޓޫ މަޗު، އިޓްސް މޯ ދެން އިނަފް. ޔޫ ހޭވް ޓު ގޯ ބޭކް. މިހާރު ދާންވީ، ކަނޑާލަންވީ ގެޔަށް. ވަރަށް ސާފުކޮށް މިބުނަނީ މިހާރު ކަނޑާލަންވީ ގެޔަށް" ރައީސް ސޯލިހަށް އަމާޒުކުރައްވައި ގާސިމް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރަން މިއަދު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ކުރިންވެސް އަދި ދެންވެސް ހުންނަވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި ޕާޓީގެ މީހެއް އަދި އާއިލާގެ މީހެއް ކަމަށް ވިޔަސް، ގާނޫނު އަސާސީން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"މިނިވަން މުއައްސަސާތައް އެ ހުރީ، އެ މުއައްސަސާތަކުން ކުރާ ކަންކަން އެ އޮތް ގޮތަށް ކުރިއަަށްދާނެ. އޭގެ ތެރެއަށް [މިނިވަން މުއައްސަސާތަކަށް] އަޅުގަނޑު ނުފޫޒު ފޯރުވުމަކީ މިހާތަނަށްވެސް ކުރި ކަމެއް ނޫން. އަދިވެސް ނުކުރާނަން. އެހެންވީމާ، އެ މައްސަލައިގައި [ގާސިމުގެ މައްސަލަ] ވެސް އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި، ގާނޫން ބޭރަކަށް ނުދާނަން. ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް" ރައީސް ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސާއެކު ކޯލިޝަން ހެދުމަށް ގާސިމް ވަނީ ދެކޮޅު ހައްދަވައިފައެވެ. އަދި ގާސިމް ވަނީ ވަކިން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ކެމްޕެއިން ހަރަކާތްތައްވެސް ފައްޓަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު