ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އުފެއްދުމަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު 'ވަން' އަށް ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ، އަންނަ ހަފުތާގެ އާދިއްތަ ދުވަހު ދޭން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެކަން ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދޭން އީސީން ނިންމާފައި މިވަނީ، އެކަމަށްޓަކައި ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިންމާފައިވީ ނަމަވެސް އެ ހުއްދަ ދިނުމަށް އެ ކޮމިޝަނުން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގައި މައްސަލަތަކެއް ދިމާވެގެން ހުއްދަ ނުދެވި އޮތުމަށްފަހުގައެވެ.

ޑިމޮކްރެޓްސް އުފައްދުމަށް ބޭނުންވާ 3000 މީހުން ހަމަކުރުމަށްޓަކައި، 3560 ފޯމު އީސީއަށް ހުށަހެޅުމުން އެ ފޯމުތައް ޕްރޮސެސްކޮށް، 3،000 މީހުން ހަމަވާ ކަމަށް ނިންމައި، ހުއްދަ ދިނުމަށް އީސީން ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފް ހުއްދަ ދިނުމަށް ވޯޓު ނުދީ އެ ފޯމުތައް އަލުން ޕްރޮސެސްކޮށް ދިނުމަށް އެދުނެވެ.

ދެވަނަ ފަހަރަށް ފޯމުތައް ޕްރޮސެސް ކުރުމަށްފަހު، ހުއްދަ ދިނުމަށް ބާއްވަން މަސައްކަތްކުރި ޖަލްސާ ވަނީ ބޭއްވޭ ގޮތް ނުވެފައެވެ. އެއީ ނަޝާތާއި އާސިފް އެ ޖަލްސާއަށް ވަޑައިނުގަތުމުން ކޯރަމް ހަމަނުވެގެންނެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވަން އީސީން ހުއްދަ ދޭން ނިންމާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ އަށް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ޕާޓީއެއް ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެޕާޓީއަކަށް ސޮއިކޮށްފައިވާ މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަސަން ލަތީފް މީގެކުރިން ވިދާޅުވެފައި ވަނީ އީސީން ހުއްދަދިންހާ އަވަހަކަށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން ބޭނުންވާ ޖަލްސާ ބައްވަވާނެ ކަމަށެވެ. އަދި އެ ޕާޓީ ރަޖިސްޓްރީ ކުރިހާ އަވަހަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފައްތަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.