ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ގައި ހުޅުވާލައި، އެކަމާ ގުޅޭ ފޯމް ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިގޮތަށް ނިންމީ ރިޔާސީ އިންތިހާބުގެ ގާނޫނަށް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
މީގެކުރިން ގާނޫނުގައި އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.
ގާނޫނަށް ގެނައި މި އިސްލާހާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްލާއީލް ހަބީބު މިއަދު ކުރެއްވިި ޓުވީޓެއްގައި ވިދާޅުވީ، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ބަލައިގަންނާނީ ޖުލައި 23 އިން އޮގަސްޓް ހަތަކަށް ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ މުހިންމު ތާރީހުތައް ކޮމިޝަނުން ކަނޑައަޅާފައި ވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށާއި އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ، ކެމްޕެއިން ކުރުމަށް ތިރީސް ދުވަސް ލިބޭ ގޮތަށް، އޮގަސްޓް ނުވައެއްވާ ބުދަ ދުވަހު ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
- ރިޔާސީ އިންތިހާބު 2023، ޓައިމްލައިން:
- ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާންކުރުން 9 އޯގަސްޓްގައި
- ކެނޑިޑޭޓުން ކެމްޕެއިން ކުރުމަށް ލިބޭ މުއްދަތު އޯގަސްޓް 10 އިން 8 ސެޕްޓެމްބަރަށް
- އިންތިހާބުގެ ފުރަތަމަ ބުރު، 9 ސެޕްޓެމްބަރުގައި
- ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިއުލާންކުރުން 9 ސެޕްޓެމްބަރުގައި
- ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އިންތިހާބު ބާއްވާތާ 7 ދުވަހުގެ ތެރޭގައި
- ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ދެވަނަބުރު ބޭއްވުން 30 ސެޓެމްބަރުގައި (ހޮނިހިރު)
- މަންދޫބުންގެ ގޮތުގައި ކުރިމަތި ލުމުގެ މުއްދަތު، އޯގަސްޓް 10 އިން 17 އަށް
- އޮބްޒާވަރުން އަދި މޮނިޓަރުންނަށް ކުރިމަތިލުން، ޖުލައި 25 އިން 13 އޯގަސްޓަށް
- ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް، ޖުލައި 16 އިން 21 އަށް
- އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް، އޯގަސްޓް 20 އިން 29 އަށް
- ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު (21 ދުވަސް) 16 ޖުލައި އިން 5 އޯގަސްޓަށް
- މަންދޫބުންގެ ގޮތުގައި ކުރިމަތި ލުމުގެ މުއްދަތު ހުޅުވާލުން 10 އޯގަސްޓް އިން 17 އޯގަސްޓަށް
- ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ އިންތިހާބު ބާއްވާ ތާރީހު، 30 ސެޕްޓެމްބަރު (ހޮނިރު)
- ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ ވަގުތީ ނަތިޖާ އިއުލާން ކުރުން، ނަތީޖާ ޝީޓް ލިބޭވަރަކުން
- ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ ދާއިމީ ނަތިޖާ އިއުލާން ކުރުން، ހަތް ދުވަހުގެ ތެރޭގައި
ޚަބަރު
ޚަބަރު