ޓެސްލާ ކާރު ނުދަންނަ މީހެއް މަދުވާނެއެވެ. ބެޓެރިން ދުއްވާ މި ކާރު އިންޑިއާގައި އުފެއްދުމަކީ އެލޮން މަސްކު ކުރާނެ ކަމެވެ. ސްޓާ ލިންކް އިންޓަނެޓް ދުނިޔޭގެ ހުރިހާ ހިސާބަކަށް ދޫކުރަމުން އަންނައިރު އިންޑިޔާގެ ފަރުބަދަމަތީ ހިސާބު ތަކަށާއި ހަނަފަސް ސަހަރާތަކަށް ވެސް ސްޓާލިންކް ދޫކުރުމަކީ އެލޮން މަސްކުގެ ޕުލޭނުގައި ހިމެނޭ ބައެކެވެ.

ރޮއިޓާޒް ނޫހުން ބުނާ ގޮތުގައި މޯދީ މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނުފޫޒު ގަދަ ބިލިއަނަރު، އެލޮން މަސްކް އާ ބައްދަލުކުރެއްވީ އަންގާރަ ދުވަހު އެވެ. އެކި އެކި ނޫސްތަކުން އެކި ވާހަކަ ފަތުރަމުންދާ އިރު ޓެސްލާގެ ކާރު ފެކްޓްރީއެއް ގާއިމުކުރުމާ ބެހޭ މައުލޫމާތު އެ ބައްދަލުވުމުގައި މަސްކް ހިއްސާކުރިކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ. އެކަމަށް އިންޑިއާ މަރުހަބާ ކިޔާނެކަންވެސް މިހާރު ވަނީ ޔަގީން ކުރެވިފައެވެ. އެހެން ކަމުން އޭޝިއާގެ އެންމެ ބާރަށް ކުރި އަރަމުން އަންނަ އެއް އިގްތިސާދު އޮތް އިންޑިއާއިން ޓެސްލާގެ ބެޓެރީ ކާރު އުފައްދައި އެ ކާރު މި ސަރަހައްދުގެ ގައުމުތަކަށް ވިއްކުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

ޓެސްލާއިން އިންޑިއާގައި އިންވެސްޓް ކުރުމަށް މޯދީ ބާރު އަޅުއްވާ ކަމަށް ފާހަގަކޮށް، މަސްކް ބުނީ "ވީ އެންމެ އަވަހަކަށް ޓެސްލާ އިންޑިއާއަށް ދާނެކަމުގެ ޔަގީންކަން އެބަ އޮތް" ކަމަށެވެ.

މި ބައްދަލުވުމުގައި މަސްކް ބުނި ކަމަށްވަނީ، ދެމެހެއްޓެނިވި ހަކަތައިގެ ކުރިމަގަށް ބަލާއިރު އިންޑިއާއަކީ ޕޮޓެންޝަލް ވަރުގަދަ ގައުމެއް ކަމަށާއި ސްޕޭސްއެކްސްގެ ސްޓާލިންކް އިންޓަނެޓް ހިދުމަތް ވެސް އިންޑިއާއަށް ފޯރުކޮށްދޭނެ ކަމަށެވެ.

މަޝްހޫރު ޓުވިޓާ 44 ބިލިއަނަށް ގަނެ ސޯޝަލް މީޑިއާގެ ކޮންޓުރޯލްވެސް ހޯދަމުން އަންނަ ބިލިއަނަރު މިދިޔަ މަހުވެސް ވަނީ އިންޑިއާއަށް ދަތުރުކޮށް މުހިއްމު މަޝްވަރާތަކެއް ކޮށްފަ އެވެ. އެއީ ޓެސްލާ ކާރާއި ކާރު ބެޓެރި އުފައްދާ ފެކްޓްރީއެއް ހެދުމާ ގުޅޭ މަޝްވަރާ އެވެ. އެމެރިކާގައި ޖައްވީ އެތައް މަޝަރޫއެއް މިހާރުވެސް ހިންގަމުން އަންނަ އެލޮން މަސްކުގެ ކުންފުނިން ޖައްވީ ދާއިރާގެ އިންވެސްޓްމަންޓްތައް އިންޑިއާގެ ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިއުމުގެ ވާހަކަތައްވެސް ވަނީ މި ބައްދަލުވުންތަކާއި އެކު ފެށިފައެވެ.

އެމެރިކާ ސަރުކާރުން އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ހާއްސަ ދައުވަތެެއް ދީގެން މިހާރު ކުރަމުން އަންނަ މި ދަތުރުގައި ބޮޑުވަޒީރު މޯދީ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއެކު ވެސް ބައްދަލުވުން ތަކެއް ބާއްވާފައެވެ.