މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ޒަބީހު، އެ މަގާމުން އިއްޔެ ވަކިކޮށްފިއެވެ.

ޒަބީހު ވަކިކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްއާރްއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒަބީހަކީ އެ މަގާމަށް އެކަށީގެންވާ ތައުލީމީ އަދި ގާބިލު މީހެއް ކަމަށެވެ.

"ޒަބީހު މަގާމުން ވަކިކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާނެކަން މިޕާޓީއިން ރައްޔިތުންނަށް ކަށަވަރު ކޮށްދެމެވެ. ޒަބީހުއަކީ ހަވާލުކުރެއްވި މަގާމުގެ މަސްއޫލިއްޔަތު ނުހަނު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެއް"، އެމްއާރްއެމުން ބުންޏެވެ.

ޒަބީހު ވަނީ ފާއިތުވި ހަތަރު އަހަރު އެ މަގާމުގައި ހުންނަވައިގެން ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ކަމަށާއި އޭނާ މަގާމުން ވަކިކުރީ ކޯލިޝަން އެގްރީމެންޓާ ހިލާފަށް، އެމްއާރްއެމްއާ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ކަމަށްވެސް ބުންޏެވެ.

ތައުލީމީ އަދި ގާބިލު މީހުން މަގާމުން ވަކިކޮށް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް މަގާމަށް އެކަށީގެންވާ ނުވާ މީހުންނަށް ހަދިޔާ ބަހާ އުސޫލުން އައްޔަން ކުރުމުން ގައުމަށް އެކަމުގެ ގެއްލުން ލިބޭނެ ކަމަށް އެމްއާރްއެމުން ބުންޏެވެ.

އެމްއާރްއެމްއަކީ މިހާރުވެސް މި ކޯލިޝަންގެ ބައިވެރިއެކެވެ. އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިރު، އެމްޑީޕީން ވަނީ އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރްއެމަށް ފޮނުވައިފައެވެ.

ނަމަވެސް އެމްއާރްއެމުން އަދި އެމްޑީޕީއާއެކު ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ 3،000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފައެވެ. އެމްއާރްއެމްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ވަނީ އެމްއާރްއެމްއަށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ކަމަށް ވަގުތީ އަމުރެއް ކޮށްފައެވެ.