ސައުދީ ރަސްގެފާނުގެ ހާއްސަ މެހުމާނުންގެ ގޮތުގައި ޕާކިސްތާނުގް 60 މީހަކު ހައްޖަށް ގެންދިއުމަށް ނިންމައިފިއެވެ.

ޕާކިސްތާނުގައި ހުންނަ ސައުދީ އެމްބަސީން ވަނީ އެ ގައުމުގެ 60 މީހަކަށް ހައްޖުވުމަށް ހުރިހާ ހަރަދެއް ދީފައި ވަނީ ސައުދީ ރަސްގެފާނު ސަލްމާން ފަށްޓަވާފައިވާ ހާއްސަ ޕްރޮގްރާމެއްގެ ދަށުން ކަމަށް ބުނެފައެވެ.

ސައުދީއަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ މުސްލިމް ގައުމުތަކުގެ ތެރެއިން ހޮވައިލެވޭ ގައުމުތަކުން މީހުންނަށް ރަސްގެފާނުގެ ހާއްސަ މެހުމާނުންގެ ގޮތުގައި ހައްޖު ވުމުގެ ފުރުސަތު ދެއެވެ.

މިއަހަރު ޕާކިސްތާނުގެ 60 މީހުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދީފައިވާއިރު މިދިޔަ އަހަރު އެ ގައުމުގެ 40 މީހަކަށް އެފުރުސަތު ލިބިފައިވާކަމަށް އެ ގައުމުގައި ހުންނަ ސައުދީ އެމްބަސީން ބުނެއެވެ.

މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 90 ގައުމަކުން 1.3 މިލިއަން މީހުން ހައްޖުވުމަށް ސައުދީއަށް ދަތުރު ކުރާނެކަމަށް އެގައުމުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.