ޗައިނާގެ ރެސްޓޯރަންޓެއްގައި ގޭސް ޓޭންކެއް ގޮވައި 31 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ޔިންޗުއާން ސިޓީގައި ހުންނަ ބާބަކިއު ރެސްޓޯރެންޓެއްގައި ހިނގި އެ ހާދިސާގައި ހަތް މީހަކަށް ބޮޑެތި އަނިޔާތައް ވެފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ހާދިސާ ހިނގަން މެދުވެރިވީ ރެސްޓޯރެންޓްގައި ހުރި ގޭސް ޓޭންކަކުން ގޭސް ލީކުވެގެން ކަމަށް އެ ސިޓީގެ ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

ހާދިސާ ހިނގުމާއެކު އަލިފާން ނިއްވާ 20 ވެހިކަލާއި 100 މީހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ޔިންޗުއާން ސިޓީގެ ފުލުހުން ވަނީ އެ ރެސްޓޯރެންޓްގައި ހާދިސާ ހިނގުމުގެ ގަޑިއެއްހާއިރު ކުރިން ގޭސް ލީކުވާ ވަސް ދުވާކަމަށް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން މައުލޫމާތުދިން ކަމަށް ބުނެފައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަން ފަށާފައިވާއިރު ފުލުހުން ވަނީ މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ރެސްޓޯރެންޓްގެ މެނޭޖަރުވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.