އީދު ޗުއްޓީގައި ވަރަށް ގަދަޔަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މިޓްރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް "ވަން" އަށް މިއަދު ވިދާޅުވީ، މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކޮންމެވެސް ވަރަކަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ. ނަމަވެސް ކުރިއަށް މިއޮތް ހަފުތާ ބަންދުގައި އިތުރަށް ވިއްސާރަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަހުމީނާ ވިދާޅުވީ، ކުރިއަށް އޮތް އަށެއްކަ ދުވަހު، ވިލާގަނޑުގައި 40 މޭލަށް ވައިޖެހޭނެ ކަމަށާއި އެހެން ވަގުތުތަކުގައި 20 މޭލާއި ދިހަ މޭލަށް ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވާނެ ކަމަށް ވިދާޅުވިއެވެ.

ތަހުމީނާ އިތުރަށް ވިދާޅުވީ މިމަހުގެ 30ގެ ފަހުން މޫސުން ވަރަށް ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަަށެވެ.

ކަލަންޑަރުގައިވާ ގޮތުގައި މިއަހަރުގެ ބޮޑު އީދު ވަނީ މިމަހުގެ 28 ވަނަ ދުވަހަށެވެ.