ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު ވަކި ކުރެއްވުމަށް، އެމްޑީޕީގެ 54 މެންބަރަކު ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިމަހު 26 ވަނަ ދުވަހު، މަޖިލިސް ރައީސް ހުންނަވާ ރަސްމީ ގެކޮޅު މ. މުރައިދޫގެއިން ނުކުމެ ވަޑައިގަންނަވާނެކަން ރައީސް ނަޝީދު، މަޖިލިސް އިދާރާއަށް އަންގަވައިފިއެވެ.

އެކަން އަންގަވައި، ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން، ޗީފް އެގްޒެކްޓިވް އަހްމަދު މައުސޫމް ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއަށް ފޮނުއްވި ސީޓީއެއްގައި ވަނީ، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސޮއިކުރައްވައި، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މިމަހު ހަތްވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމަށް، މަޖިލީހުގެ އިދާރާއިން އެމަނިކުފާނަށް ފޮނުވާފައިވާ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު މިމަހު 26 އަށް ހަމަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މަޖިލިސް ރައީސް ހުންނަވާ ރަސްމީގެ މ. މުރައިދޫގެއިން، ގ. ބޭރުވެއްޔަށް އެމަނިކުފާނު މިމަހު 26 ވަނަ ދުވަހު ބަދަލުވެވަޑައިގަންވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އަންގަންޖެހޭ ދައުލަތުގެ ފަރާތްޕުޅުތަކަށް އެކަން އަންގައިދެއްވުމަށްވެސް އެ ސިޓީގައި އަމީން އާއްމުގެ ފަރާތުން ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.