ރައްޔިތުންގެ މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ވިދާޅުވެ، އެ މަޖިލީހުގެ މިހިނގާ މިއަހަރުގެ ދެވަނަ ދައުރު ދަންމާލަން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފިއެވެ.
އަސްލަމް މިކަމަށް އެދިވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ފަސްކަމެއް އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ. އަސްލަމް އެދިވަޑައިގެންފައި ވަނީ އެކަންތައްތައް ނިންމާފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް ދައުރު ދަންމައިލުމަށެވެ.
މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން މަޖިލިސް ރައީސް އުޒުރުވެރިވެވަޑައިގެންނެވި ނަމަވެސް، ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގެ (ހ)ގެ ދަށުން ހެއްދެވުމަކީ ރައީސްގެ ޒިންމާއެއް ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މަޖިލިސް ޖަލްސާތައް ނުބާއްވަވައި މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމަވައި، ދާއިމީ ކޮމިޓީތަކުގެ މައްސަލައަށް ބަހުސްކުރަން އެކަނި އެޖެންޑާ ކުރުމަކީ ގަވާއިދާ ހިލާފު ކަމެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
- ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލަ
- އޭޖީ އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަކިކުރުމުގެ މައްސަލަ
- މަޖިލީހުގެ ގަވައިދު ބަދަލުކުރުމުގެ މައްސަލަ
- އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުން
- މަޖިލީހުގެ ރައީސާއި ނައިބުރައީސް ވަކިކުރުމުގެ މައްސަލަ
މީގެތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ ވަރަށް އަވަހަށް ނިންމަން ޖެހޭ ކަންތައްތަކެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެންމެ ކަމެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމުސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމާއި އެ ބަހުސަށްފަހު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމެވެ.
ނަމަވެސް މެންބަރުން ހުށަހަޅާ އިސްލާހުތަކަށް ވޯޓަށް އެހުމާއި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައިކަން އިއުލާން ކުރުމަށްވެސް ހިމަނާފައިވެއެވެ. މަޖިލިސް ޖަލްސާއެއް ބޭއްވޭނީ، މަޖިލީހުގެ ދެން އަންނަ ދައުރެއްގައެވެ. އެއީ މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާއެވެ. މިއަދުގެ ޖަލްސާއަށްފަހު މަޖިލިސް ދާނީ ޗުއްޓީއަށެވެ.
މިއަދުގެ ޖަލްސާ ފެށުމަށްފަހު، ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމުސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ، އިތުރު ދުވަހަކަށް މަޑުނުކޮށް، މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވައިގެން ނަމަވެސް ކޮމިޓީތަކަށް އަންނަ ބަދަލުތައް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަސްލަމްގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ އިތުރު މެންބަރުންވެސް ބަހުސްގެ ތެރެއިން އެކަން ފާހަގަ ކުރެއްވިއެވެ.
އެ މެންބަރުންގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ "17 ވަނަ ރައްޔިތުންގެ މަޖިލިސް ގައި މަޖިލީހުގެ ދައުރު އިތުރު ކުރުމަށް ގަރާރެއް، ކުރިއަށް ހުށަހަޅުއްވައިގެން ބަހުސް ކުރެވުނު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ދައުރެއް އިތުރު ކުރެވިފައެއްނުވޭ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަތް ފަހަރަށް ދައުރު އިތުރު ކުރެވިފައިވީ އިރުވެސް އިތުރު ކުރެވިފައި އޮތީ ރިޔާސަތުން ހުށަހަޅައިގެން،" ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ދައުރު އިތުރުވާނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށާއި ހުރިހާ މެންބަރުންވެސް އެކަން ބަލައިގަތުމަކީ ބޭނުންތެރި ކަމެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު