ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އިސްމާއިލް (ބުރު އަހަނދު) ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަހަނދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވުމުގެ ކުށުގެ ދައުވާކޮށްފައެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާ ކަމަށް ތުހުމަތުވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތުވާތީއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ކޮންމެ 30 ދުވަހަކުން ބަންދު މުރާޖާކުރަން ކޯޓަށް ހާޒިރުކުރެއެވެ. އެގޮތުން މަތިން އަހަނދު ވަނީ މިއަދު އެ ކޯޓަށް ހާޒިރުކޮށްފައެވެ.

އޭނާގެ ބަންދު މުރާޖާކުރުމަށްފަހު ކުރިމިނަލް ކޯޓުން ވަނީ މިއަދު ޝަރުތުތަކަކާ އެކު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ ޝަރުތުތަކުގެ މައުލޫމާތު ހޯދަން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީ އެ މައުލޫމާތު ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދެން ހައްޔަރުކުރި އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ) ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާ އުފުލާފައިވާ އިރު، ގަޓު މުއާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އިސޫގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާ ކުރަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުވާތީއެވެ. އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި މަރާލުމަށް އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުވާތީއެވެ.

ގަޓު މުއާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރަނީ ނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާ ކަމަށް ތުހުމަތުވާތީއެވެ.

އަހަނދު، ގަޓު މުއާ އަދި އިސޫގެ ޝަރީއަތްތައް އެންމެ ފުރަތަމަ ނިންމީ ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގައެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަން، މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހުވަނީ ކަނޑު ފައްތާފައެވެ. ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ. ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވައި ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި މީގެ ކުރިން ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާތަކެއް އުފުލިއެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އެ ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖޭން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފައެވެ.

ޔާމީން ރަޝީދު މަރާލާފައި ވަނީ، 23 އޭޕްރިލް 2017ގެ ރޭ އޭނާ މާލޭގައި ދިރިއުޅުން ގެންދިޔަ ގޭގެ ސިޑި ގޮޅީީގައެވެ. ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އޭގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. ދަށު ކޯޓުގައި ކުށް ސާބިތުނުވާ މީހުންގެ ތެރެއިން އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދެން ހިމެނޭ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ވަނީ ނިންމައިފައެވެ.