މާޗު 2017 ގައި ލ. ފޮނަދޫގައި ކަރު ބުރިކޮށްލައިގެން މަރާލި ބަންގްލަދޭޝްގެ އަސަން އުއްލާ ނަމަކަށް ކިޔާ މީހާގެ މަރުގެ މައްސަލާގައި ދައުވާ އުފުލި އަށް މީހުންނަށް ކުށް ސާބިތުނުވެ ސަލާމަތްވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މައްސަލާގައި ހިމެނޭ އަބޫ ކަލަމްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދެން ތިބި ޕަރުވެޒް/ މުހައްމަދު ސޮމުން މިއާ/ ރޮބެލް މިއާ/ ސަމީމް/ އަލް އަމީން/ މުހައްމަދު ރަސެލް/ ދީން އިސްލާމްގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި އެންމެންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި، އަސަން އުއްލާ މަރާލީ ބައިސްކަލެއްގެ މަތީގައި އޭނާ އިންދާ، އަބޫ ކަލަމް ހަމަލާދީގެންނެވެ. އަދި ހަމަލާއަށްފަހު އަތިރިމައްޗަށް އަސަން އުއްލާ ގެންގޮސް އޭނާގެ ކަރަށް އަބޫ ކަލަމް ވަޅިން ހަމަލާދީ ކަރު ބުރިކޮށްލި ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަސަން އުއްލާ އަތިރިމައްޗަށް ގެންދިޔައީ މި މައްސަލާގައި ދެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ އެހީތެރިކަމާއެކު ކަމަށްވެސް ބުނެފައިވެއެވެ.
އަސަން އުއްލާ މަރާލާފައި އޮއްވާ ފެނުނީ 30 މާޗް 2017 ވަނަ ދުވަހުގެ މެންދުރު 12:45 ހާއިރު ފޮނަދޫ ގޮނޑުދޮށުންނެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ޝަފްއަތު ހަބީބު ކުރެއްވި ހުކުމުގައި ވަނީ އެ މައްސަލާގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުއްވިއެވެ.
ހުކުމުގައި ފާހަަގަކޮށްފައިވާ ގޮތުގައި ތަހުގީގު މަރުހަލާގައި ދެ މީހަކު ކުށަށް އިއުތިރާފުވި ނަމަވެސް އެ މީހުން ހާދިސާ ހިނގި ގޮތް ކިޔައިދީފައި ވަނީ ތަފާތު ދެ ގޮތަކަށެވެ. އަދި ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި ފުށު އެރުންތަކެއް ހުރި ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު