އެމްޑީޕީގެ ރައީސްކަމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމަކީ ހިތާމައެއް ކަމަށާއި ނަމަވެސް އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަންވެސް ކުރައްވާ ނަޝީދު އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފައި މިވަނީ އެމްޑީޕީން އިސްވެ އޮވެ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުން ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އާއި އޭނާގެ އަމިއްލަ ނަމުގައި ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، މިއީ ހިތާމަވެރި ދުވަހެއް ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީތަކަށް އެ ޕާޓީތައް ބޭނުންވާ ގޮތަކަށް ކުރިއަށް ދިއުމުގެ މަގު ކޮށިގެންގޮސްފައިވާ ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ނަޝީދުގެ ލީޑަޝިޕްގައި އެމްޑީޕީން ހޯދި ކާމިޔާބީތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު، ފައްޔާޒަށް މިއަދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށް ބައްލަވައި "އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ކަމަށެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި ގެންދަވަނީ، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕާޓީ އުފައްދުމަށް އެމްޑީޕީގައި ތިބި 12 މެންބަރަކު ވަނީ އެ ޕާޓީން މީގެ ކުރިން ވަކިވެވަޑައިގެންފައެވެ. އޭގެ ކުރިން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެ. އޭނާއަކީވެސް މިހާރު ޑިމޮކްރެޓްސްގެ ބޭފުޅެވެ.

ނަޝީދުގެ އިތުރުން މިއަދު ވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް) ވެސް އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ އިރު، ނަޝީދު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ޑިމޮކްރެޓުންނާ އެކު އެމްޑީޕީ އަލުން އަނބުރާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެމްޑީޕީގެ އާންމު މެންބަރުންގެ މެޖޯރިޓީ ބޭނުން ނުވާ ގޮތަކަށް އެމަނިކުފާނު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.