އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު، އެމްޑީޕީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މިއަދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށް ބައްލަވައި "އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭކަމުން، އަޅުގަނޑު ތިޔަޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ކަމަށެވެ.

ރައީސް ނަޝިދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސްކޮންފަރެންސްގައިވެސް، އެމްޑީޕީން ވަކި ވަޑައިގެންނެވުމުގެ އިޝާރާތެއް ކުރެއްވުމަށްފަހުގައެވެ.

އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންތަކެއް އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު، އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ސަރުކާރުން ހުރަސްއަޅާކަން ފާހަގަ ކުރައްވައި އެދުވަހުގެ ނިއުސްކޮންފަރެންސްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަ ކުރެއްވީ އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އަސާސީ ހައްގުތައް ރާއްޖެއަށް ހޯދައިދެއްވުމަށް ކަމަށެވެ.

އަދި ދައުލަތުގެ އެއްވެސް ބާރަކުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ތަރުހީބު ދިނުން ނޫން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ ވެރިކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމަކީ ދެރަކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު މިކަމާ ކަންބޮޑުވޭ، މިހާރު މި ހުރި ޕާޓީގައި މި އަމަލުތައް ހިންގަމުން ގެންދާ ކަމަށް ވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫ އަދި ކިތަންމެ ދުވަހެއް ވެފައިވީ ނަމަވެސް އެމްޑީޕީގައި އަޅުގަނޑު ހުންނަން. އަޅުގަނޑަށް ވަރަށް އުނދަގޫ. އާދެ އަޅުގަނޑު ވަރަށް ދެރަވޭ،" ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީ ދެބައިވެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީން ވަކިވެވަޑައިގެންނެވީ، މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަށް ބޭއްވި ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދު ފެއިލްވެ ވަޑައިގަތުމާ ގުޅިގެން، އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެކޮޅު ވެރިކަމާއި ވާދަވެރިކަން ބޮޑުވެގެންގޮހެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރެއްވުމަށްފަހު، ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު ރައީސުލްޖުމްހޫރިްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވިއެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި އަނެއްކާ ވާދަ ކުރެއްވި ނަމަވެސް އެ އަހަރު އެމަނިކުފާނު ފެއިލްވެ ވަޑައިގެންނެވިއެވެ. އެމްޑީޕީގައި އޮތް ރައީސް ނަޝީދުގެ ބާރު ކެނޑެން ފެށީ، 2018 ވަނަ އަހަރު ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ދޫކޮށްލެއްވި ހިސާބުންނެވެ.