ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން އިލެކްޝަންސް އިން މިދިޔަ ބުދަ ދުވަހު ވެސް ވަނީ އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. ކޮމިޝަންގެ ހަތަރު މެންބަރަކު ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއަށް ޕާޓީ ރަޖިސްޓްރީކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ވޯޓު ދެއްވީ ދެ މެންބަރެކެވެ. އެހެންވެ އެ ދުވަހު އެ ހުއްދަ ދިނުމަށް ފާހެއް ނުވިއެވެ. އެ ކޮމިޝަނުގެ މެންބަރު އަލީ ނަޝާތާއި މުހައްމަދު އާސިފު ވޯޓުު ދެއްވީ ހުއްދަ ދިނުމާ ދެކޮޅަށެވެ.
އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރައްވަން މައްކާއަށް ވަޑައިގެންނެވެ. އެހެންވެ އެ ދުވަހުގެ ވޯޓުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މިއަދު ވިދާޅުވީ، ފޯމުތައް ޕްރޮސެސްކޮށް އެންޓާކުރުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި 3،000 ވުރެ ގިނަ ސައްހަ ފޯމު އެބަހުރި ކަމަށެވެ.
އެހެންވެ، ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމަށް ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއް މިއަދު 10:30 އަށް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް ދެ މެންބަރަކު ހާޒިރުވެވަޑައިގެންފައި ނުވުމުން ކޯރަމް ހަމަވެފައި ނުވާ ކަމަށެވެ. ނަމަވެސް ވަޑައިނުގެންނެވި މެންބަރުންގެ ނަންތަކެއް އޭނާ ހާމައެއް ނުކުރައްވައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 3.1 އަދި 3.2 ގައި ބުނެފައި ވަނީ "ކޮމިޝަނުން ނިންމަންޖެހޭ ކަންކަން ނިންމަންވާނީ ކޮމިޝަނުގެ ޖަލްސާއަކުން ފާސްކޮށްގެން" ކަމަށާއި "ކޮމިޝަނުގެ ޖަލްސާއަކުން ކަމެއް ފާސްކުރަންވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެމްބަރުން އަގުލަބިއްޔަތުން" ކަމަށެވެ. ކޮމިޝަނުގެ ޖަލްސާއެއްގެ ކޯރަމަކީ ތިން މެމްބަރުންނެވެ.
ފުއާދު އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްސް ރަޖިސްޓަރީކުރުމުގެ ހުއްދަ ދޭން ޖަލްސާއެއް ދެން ބޭއްވޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ޖަލްސާތައް ބޭއްވޭނީ ކޯރަމް ހަމަވެގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު