ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަހުޒަމް އަބްދުއްޝުކޫރު (23އ) ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި އަހުޒަމް ހިމެނޭހެން ތިން މީހަކު ހައްޔަރުކުރިއެވެ. އަހުޒަމްގެ އިތުރުން ދެން ހައްޔަރުކުރީ ރިފާޝް އަބޫބަކުރު (21އ) އާއި ހަސަން ފަވާޒު (21އ)އެވެ. ރިފާޝް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރު ފަވާޒަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ 30 ދުވަހުގެ ބަންދެއް ޖަހައިފައެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަންއިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އަހުޒަމް އަދި ރިފާޝް އަބޫބަކުރެވެ. އަހުޒަމް ފުރަތަމަ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ކޮޓަރިން 50 ގްރާމްގެ ޑްރަގު ފެނުނު މައްސަލައެއްގައެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ފުރަތަމަ ޖެހީ ތިން ދުވަހެވެ. އޭގެ ފަހުން، އޭނާގެ ބަންދުގެ މުއްދަތު ވަނީ 26 މެއިގައި 14 ދުވަހަށް އިތުރުކޮށްފައެވެ. އެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ އަށްވަނަ ދުވަހަށެވެ. އޭގެ ފަހުން ވަނީ ފަސް ދުވަހަށް އޭނާ ބަންދުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ ފަސް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން އަހުޒަމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

"ވަން" އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައިވަނީ އަހުޒަމްއެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒްކަންވެސް އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުގައި ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.

ފުލުހުން ވަނީ އަހުޒަމްވި ކުށަށް އިއުތިރާފުވެ، ކިޔައިންދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މޯޓިވްއާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މަނަދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ އެ މަރަކީ ސިހުރާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އޭނާގެ އާއިލާއިންވެސް ތުހުމަތުކުރާ ކަމަށެވެ. ނައީމާއަކީ އެހާ ތަނަވަސް މީހަކަށް ނުވާތީ ފައިސާގެ ބޭނުމުގައި މަރާލާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.