އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން
ނޭޕާލްގެ ކޯޗުކަމުގައި ހުރި ވިންސެންޒޯ އަލްބާޓޯ އާނޭސޭއަކީ އިޓަލީއަށް އުފަން ކޯޗެކެވެ. މޮލްފޭޓާ ސްޕޯޓީވާއަށް ކުޅުނު ބައްޕަގެ ފިޔަވަޅުތަކުން ކުރިއަށްދާން ވިންސެންޒޯ ވަނީ ޅައުމުގައި ފުޓުބޯޅައަށް ނުކުމެފައެވެ. އިޓަލީގެ ވެނޭޒިއާގެ ޔޫތު ސިސްޓަމްގެ ތެރެއިން ނުކުމެ، ބައެއް ލޯކަލް ކްލަބުތަކަށް ވިންސެންޒޯ ކުޅުނު ނަމަވެސް، އޭނާ ވަނީ ޒުވާން އުމުރުގައި ކޯޗިންނަށް ފޯކަސް ހިފައިފައެވެ.
ހަގު އުމުރެއްގައި އިޓަލީގެ އިތުރުން އަރްމޭނިއާ ފަދަ ގައުމުތަކުގެ ޒުވާން ޓީމުތަކަށް ވިންސެންޒޯ ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާ ވަނީ ފަލަސްތީނުގެ އަހްލީ އައްހަލީލާށްވެސް ކޯޗުކަން ކޮށްދީފައެވެ. އެ ކްލަބާއެކު އޭނާ ވަނީ 2016-17 ވަނަ އަހަރުގެ ފަލަސްތީން ކަޕާއި 2017 ވަނަ އަހަރުގެ ވެސްޓް ބޭންކް ކަޕް ކާމިޔާބު ކޮށްފައެވެ. އެހިސާބުން އޭޝިއާގެ ފުޓުބޯޅައަށްވަދެ، ވިންސެންޒޯ ވަނީ އިންޑޮނޭޝިއާގެ ފުރަތަމަ ޑިވިޝަން ކްލަބަކަށްވެސް އިރުޝާދު ދީފައެވެ. އެފަހަރު 2019 ވަނަ އަހަރު ބެލީޒޭ ގައުމީ ޓީމަށް ވިންސެންޒޯ އިރުޝާދު ދިން ނަމަވެސް، އޭގެ ފަހުން ފެނުނީ ކްލަބު ފުޓުބޯޅައިންނެވެ.
ހާއްސަކޮށް އިންޑިއާގެ ލީގު ފުޓުބޯޅައަށް ވިންސެންޒޯ އަލެއް ނޫނެވެ. ގޮކުލަމް ކެރެލާއާއެކު އޭނާ ވަނީ ޖެހިޖެހިގެން ދެ ފަހަރަށް އައިލީގު ކާމިޔާބު ކޮށްފައެވެ. އެއީ އައިލީގުގެ ތާރީހުގައިވެސް އެފަދަ ފުރަތަމަ ކާމިޔާބީއެވެ. 2021-22 ވަނަ އަހަރު ލީގު ނަގައި، ގޮކުލަމް ކެރެލާއާއެކު ވިންސެންޒޯ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ނުކުމެ، ވަރުގަދަ އޭޓީކޭ މޯހުން ބަގާންވެސް ބަލިކުރިއެވެ. އެ ކްލަބަށްފަހު އިންޑިއާގެ ސުޕަ ލީގުގެ ނޯތުއީސްޓް ޔުނައިޓެޑްގެ ކޯޗުކަމުގައިވެސް ވިންސެންޒޯ ހުއްޓެވެ. ނޭޕާލް ގައުމީ ޓީމާ ހަވާލުވީ މިއަހަރު މާޗް މަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ބޫޓާނާއި ލާއޯސްއާއެކު ނޭޕާލުން ވާދަކުރި ޕްރައިމް މިނިސްޓަރު ތްރީ ނޭޝަންސް ކަޕް ނޭޕާލުން ވަނީ ކާމިޔާބު ކޮށްފައެވެ.
"އަހަރެމެން ސާފަށް މި ނުކުންނަނީ މާ ބޮޑެތި ތައްޔާރީތަކެއް ނުކޮށް. އަހަރެން އަދި ޓީމުގައި ހުންނަތާވެސް މިވީ ތިން މަހާ ބައި. އަހަރެން ޓީމާމެދު ޕޮސިޓިވް ނަމަވެސް، ޓެކްޓިކަލް ކަންކަމަށް ފޯކަސް ކުރަން އަދި ނުލިބޭ މާ ބޮޑު ވަގުތެއް. އެހެން ނަމަވެސް ފިޓްނަސް ރަނގަޅު،" އިއްޔެ ބޭއްވި ސާފްގެ ޕްރި މެޗު ޕްރެސްގައި ވިންސެންޒޯ ބުންޏެވެ.
ވިންސެންޒޯ އިއްޔެ ބުނީ ސާފަކީ ނޭޕާލަށް މުހިއްމު މުބާރާތެއް ކަމަށާއި ކުޅެން ޖެހެނީ ރީޖަންގެ އެންމެ ވަރުގަދަ، އަދި އެންމެ ތަފާތު ޓީމުތަކާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުން ގައުމީ ޓީމުގެ އާ ތަޖުރިބާއެއް ލިބުމަކީ ފައިދާއެއް ކަމަށްވެސް އޭނާ އިއްޔެ ބުންޏެވެ.
"އަހަންނަށް މިއީ އާ ތަޖުރިބާއެއް. އަހަންނަށްވެސް މިއީ މުހިއްމު ތަޖުރިބާއަކަށްވާނެ. އަހަރެން އަތުގައި ނެތް އެހާ ބޮޑު ތަޖުރިބާއެއް، ގައުމީ ޓީމުތަކުގެ މުބާރާތްތަކުގައެއް. އަދި ހާއްސަކޮށް މި މުބާރާތް ވެގެންދާނީ ނޭޕާލްގެ ޖޫނިއާ ގިނަ ކުޅުންތެރިންތަކަށް ގައުމީ ޓީމާއެކު ފުރަތަމަ ތަޖުރިބާއަށް. އެހެންވީމާ އަންނަން އޮތް ޖީލަށްވެސް މި މުބާރާތް މުހިއްމުވާނެ،" ވިންސެންޒޯ ބުންޏެވެ.
ނޭޕާލުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެ ގަޑިން 3:00 ގައި ކުވައިތާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުން ވާދަކުރާ ގްރޫޕް އޭގައި ދެން އޮތީ އިންޑިއާ އާއި ޕާކިސްތާނެވެ.
ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯއެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023