މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުކަމުގައި މި ސީޒަން ފެށި އިވާން ވެންކޯވް ކޮލޭވްއާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ.

ދެފަރާތުން ވާހަކަދައްކައި އިވާންއާއެކު ވެފައިވާ އެއްބަސްވުން އުވާލި ކަމަށް މާޒިޔާއިން މިރޭ ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ކްލަބުން ބުނީ އިވާން މާޒިޔާއާއެކު ކާމިޔާބީތަކެއް ހޯދި ކަމަށާއި، ހޭދަކުރި ދުވަސްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި ސީޒަނަށް ތައްޔާރުވާން މާޒިޔާއިން ގެނައި ކޯޗު އިވާން ވަނީ އެ ކްލަބާއެކު ޗެރިޓީ ޝީލްޑް އުފުލާލުމުގެ އިތުރުން ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްފައެވެ. މާޒިޔާ މި ސީޒަނަށް ވަރުގަދަކޮށް ނުކުމެ، މިހާތަނަށް ކާމިޔާބީތަކެއް ހޯދި ނަމަވެސް، އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. ހާއްސަކޮށް ޕްރިސިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ވަނީ ބުރު ސްޕޯޓްސް ކްލަބު އަތުންވެސް ބަލިވެފައެވެ.

ބަލްގޭރިއާގެ ފުރަތަމަ ޑިވިޝަން ކްލަބުތަކަށް ކުޅެފައިވާ މިހާރު ތަޖުރިބާކާރު ކޯޗު، އިވާން މާޒިއާއާ ހަވާލުވީ މިއަހަރު ފެބްރުއަރީ މަހުގައެވެ. އުމުރުން 65 އަހަރުގެ އިވާން، އޭޝިއާގެ ފުޓުބޯޅައަށް ތައާރަފުވީ 2002 ވަނަ އަހަރުއެވެ. އެ އަހަރު އޭނާ އިންޑޮނޭޝިއާގެ ގައުމީ ޓީމާ ހަވާލުވެފައިވާ އިރު، އޭގެ ފަހުން މިޔަންމާއަށް ކޯޗުކަން ކޮށްދީ އިންޑޮނޭޝިއާގެ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދިނެވެ. އޭގެ ތެރޭގައި ޕަރްސިޕޫރާ ޖަޔަޕޫރާ ހިމެނެއެވެ. އިވާން ވަނީ 2002 ވަނަ އަހަރު އިންޑޮނޭޝިއާއާއެކު އާސިއަން ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އޭއެފްއެފް ކަޕްގެ ފައިނަލުގައި ކުޅެފައެވެ. އޭގެ ފަހުން 2004 ވަނަ އަހަރު މިޔަންމާ އާއެކު އެ މުބާރާތުގެ ހަތަރުވަނަ އިވާން ހޯދި އިރު، އޭނާ ވަނީ މިޔަންމާގެ ކްލަބުތަކާ އެކު ދެ ފަހަރަށް އެ ގައުމުގެ ލީގުވެސް ނަގައިފައެވެ.

މާޒިޔާގެ ކޯޗުގެ މަގާމަކީ ރާއްޖޭގައި އެންމެ ޕްރެޝަރު ބޮޑު އެއް މަގާމަށްވެފައިވާ އިރު، މިދިޔަ ސީޒަނުގައި މާޒިޔާއިން ވަނީ ތިން ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފައެވެ. އެގޮތުން ސީޒަން ފަށައިގެން، ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާގެ ކޯޗަކީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އޭގެ ފަހުން ސާބިއާގެ މިއޮޑްރަގް ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅެފައިވާ އިރު، އޭނާ ވަނީ ކްލަބަށް ލީގު ޔަގީންކޮށްދީފައެވެ. މާޒިޔާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ހުރި ޖެސިކް ވަނީ ދާދިފަހުން ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ.