ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ފާރު ތަޅާލައި އެއްކޮށްލާފައި ހުރި ދެ އެޕާޓްމަންޓުގެ ވެރިން އެތަން ކުރިން ހުރިގޮތަށް ބަދަލުކުރުމަށް، ފާރު ރޭނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯއިން ބުނެފިއެވެ.

ހިޔާ ޓަވަރެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާތީ އެތަން ބެލުމަށްފަހު އާބަންކޯއިން ވަނީ އެއިން ކޮންމެ އެޕާޓްމެންޓެއް ލިބިފައިވާ ފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެޕާޓްމެންޓު ކުރިން ހުރި ގޮތަށް ބަދަލުކުރަން އެތަނުގެ ވެރިންނަށް އަންގައިފައެވެ.

ނަމަވެސް އާބަންކޯ އިން ފުރަތަމަ ދިން މުއްދަތުގައި ދެ އެޕާޓުމެންޓުގެ ވެރިން ޖޫރިމަނާގެ ފައިސާއެއް ނުދައްކައެވެ. އަދި އިމާރާތް ކުރިން ހުރި ގޮތަށް ބަދަލުކޮށްފައި ވެސް ނުވާތީ އާބަންކޯ އިން ވަނީ އެ ދެ ފްލެޓުގެ އެގްރިމަންޓް ބާތިލު ކުރުމަށް ނިންމައި ފްލެޓުތައް ހުސްކުރަން 14 ދުވަހުގެ ނޯޓިހެއް ފޮނުވައިފައެވެ.

އެ ފްލެޓުތައް އިޔާދަކުރުމަށް ދިން މުއްދަތު މިމަހުގެ އެއްވަނަ ދުވަހަށް ހަމަވި އިރު ފުލެޓުގެ ވެރިފަރާތުން އެ މުއްދަތު އިތުރު ކޮށްދިނުމަށް އާބަންކޯގައި އެދިފައިވުމުން އެކޯޕަރޭޝަނުން ވަނީ އިތުރު ހަތް ދުވަހުގެ މުއްދަތެއް އެކަމަށް ދީފައެވެ.

އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގައި އާބަންކޯ އިން އެންގި ގޮތަށް އެ ފްލެޓުތައް ކުރިން ހުރި ގޮތަށް އިޔާދަކުރުމުގެ މަސައްކަތް ތަނުގެ ވެރިފަރާތުން މިހާރު ކުރަމުން އަންނަ ކަމަށާއި އެހެންވެ ފްލެޓުތައް އަތުލުމުގެ ވިސްނުމެއް އާބަންކޯ އިން ނުގެންގުޅޭ ކަމަށް މިމްރާހު ވިދާޅުވިއެވެ. އަދި ފްލެޓު އަތުލައި ބަޔަކު މަގުމަތި ކޮށްލުމަކީ އާބަންކޯ އިން އެއްވެސް ހާލެއްގައި ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް ހަރުކަށި ފިޔަވަޅު އަޅަން ޖެހެނީ ހެދިފައި ހުންނަ އުސޫލުތަކާއި ހަމަތައް ދެމެހެއްޓުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އާބަންކޯ އިން އެތަން އަތުލަން ނޯޓިސް ފޮނުވީ ބަޔަކު މަގުމަތިކޮށްލާކަށް ނޫން. ޖޫރިމަނާކޮށް ނޯޓިސް ފޮނުވީ އުސޫލުތަކާ ހިލާފުވާ މީހުންނަށް އެކަން ނުކުރުމަށް ބާރުއެޅުމަށް. ފްލެޓު ލިބިފައި ހުރި މީހެއްގެ އަތުން އެތަން އަތުލުމަކީ އާބަންކޯގެ ވިސްނުމެއް ނޫން. އާބަންކޯ އިން ބޭނުންވާ ގޮތަކީ އޮންނަ އުސޫލުތަކާ އެއްގޮތަށް ކަންތައް ކުރަން ބާރު އެޅުން،" މިމްރާހް ވިދާޅުވި އެވެ.

މިމްރާހު ވިދާޅުވި ގޮތުގައި ފްލެޓުތައް ލިބިފައިވާ ފަރާތުން ދައްކަންޖެހޭ ޖޫރިމަނާ އާ މެދު އާބަންކޯ އިން ގޮތެއް ނިންމާނީ، އެތަނުގެ ވެރިން މިހާރު ރާނަމުންދާ ފާރުގެ މަސައްކަތް ނިމުމުން، އާބަންކޯއިން އެ ފާރު އިންސްޕެކްޓުކޮށް ބެލުމަށް ފަހުގަ ކަމަށެވެ.

އެއްކޮށްލި ދެ ފުލެޓު ކުރިން ހުރި ގޮތަށް ރާނާތީ، އަތުނުލާން ނިންމި ނަމަވެސް، ޖޫރިމަނާއަށް އެއްވެސް ލުޔެއް ދޭން އާބަންކޯ އިން ނިންމައިފައެއް ނުވެއެވެ.