ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީއަށާއި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ދެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ރިފްއަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭއެސްސީއަށް އެ ބަދަލު ގެންނަން މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭއެސްސީގެ މެންބަރުންގެ އަދަދަކީ ހަތެއް ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުމަށް ކަމަށެވެ.
މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަން ކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެނޫންވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމްއިއްޔާތަކާއި އާންމުންގެ ހިޔާލާއި މަަޝްވަރާގެ އަލީގައި ކަމަށްވެސް ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދު ކަމަށާއި، މި މަސައްކަތް 2019 ގައި ފަށާފައިވާ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ކަމާގުޅޭ ނުވަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، މިއަދުގެ ދެ ބިލާއެކު މި އިސްލާހީ މަސައްކަތް ފުރިހަމަކުރެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ ދިހަ މެމްބަރުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެއް ހިމެނޭ ގޮތަށެވެ.