ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގަޒިއްޔާއެއްގެ ޝަރީއަތް ފެށިގެން ގޮސް، ދެފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން ގަޒިއްޔާގެ ޝަރީއަތުގެ އަޑުއެހުންތައް ނިމުނީކަމާއި، ހުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ނުބާއްވައި އެ މުއްދަތުގެ ފަހުން އެ މައްސަލައަށް ހުކުމްކޮށްފައިވާ މައްސަލައިގައި، އެ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދަށް ނަސޭހަތްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ އެ މަސަލައިގައި ހުކުމް ކޮށްފައިވަނީ ގަޒިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަން ތަހުގީގަށް ހޯދުނު ލިޔެކިޔުންތަކުންނާއި މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ބަހުން އެނގެން އޮންނަ ކަމަށެވެ.

ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި ބުނާ މުއްދަތުގެ ތެރޭގައި އެ ގަޒިއްޔާގެ ހުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓަށް ރަފީއުއްދީން އަހްމަދަށް ހުކުމް ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، މެޖިސްޓްރޭޓްގެ އިހުމާލެއް އޮވެގެން ކަމަށް ތަހުގީގަށް ސާބިތުވާކަމަށާއި، މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ މި އަމަލަކީ، ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރާއި، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި ގާނޫނުއަސާސީ ގެ 142 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާއި، 6.2 ވަނަ ނަންބަރާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަސޭހަތްދިނުމަށް ފެންނަކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.